2024ގައި ރަސްދޫ ކައުންސިލަށް ލިބުނު 11.9 މިލިއަން ރުފިޔާގެ އާމްދަނީއަކީ ސައްހަ އަދަދެއް ނޫން!

ދަޕްރެސް

3 ފެބްރުއަރީ 2026 | އަންގާރަ | 4:17

އއ. ރަސްދޫ ކައުންސިލަށް 2024 ވަނަ އަހަރު ލިބުނު ޖުމްލަ އާމްދަނީގެ ގޮތުގައި ރެކޯޑްކޮށްފައިވާ 11.87 މިލިއަން ރުފިޔާ އަކީ ސައްހަ އަދަދެއް ނޫން ކަން ހާމަވެއްޖެއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކުރި ރަސްދޫ ކައުންސިލް އިދާރާގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނާ ގޮތުގައި، އެ އަހަރު ލިބުނު އާމްދަނީގެ ގޮތުގައި ރިކޯޑްކޮށްފައި ވަނީ 11،867،167 ރުފިޔާ ކަަމށެވެ. ނަމަަވެސް އެ އިދާރާއިން ބަލައިގެންފައިވާ ހުރިހާ ފައިސާއަކަށް ރަސީދު ހަދާފައި ނުވާތީ އާއި އެހެނިހެން މާލީ އަހަރުތަކުގައި ބޭންކް އެކައުންޓްތަކަށް ޖަމާކޮށްފައިވާ ފައިސާ އަށް އެ އަހަރު ރަސީދު ހަދާފައިވާތީ އެ އަދަދަކީ އެ އަހަރު ލިބުނު އާމްދަނީގެ އަދަދު ކަމުގައި ބެލެވެން ނެތް ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.

ރަސްދޫ ކައުންސިލް އިދާރާގެ ބޭންކް އެކައުންތްތަކަށް އެކި ފަރާތްތަކުން ޖަމާކުރާ ފައިސާއަށް ގަވާއިދަށް ރަސީދު ތައްޔާރުކޮށްފައި ނުވާ މައްސަލައަށް ބަލާއިރު، އެކި ފަރާތްތަކުން އެ އިދާރާގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާ 673،643 ރުފިޔާއަށް ވިޔަ މޮޑިއުލް އިން ރަސީދު ތައްޔާރުކޮށްފައެއް ނުވެއެވެ. ހަމައެއާއެކު 2،248،552 ރުފިޔާއަށް ރަސީދު ތައްޔާރުކޮށްފައި ވަނީ ޖަމާކުރި ތާރީހުގެ ފަހުގެ ތާރީހެއްގައެވެ.

މައުޟޫޢުތަށް