އުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނެވޭނެ ހާއްސަ އިންތިޒާމެއް ހަމަޖައްސައިފި
ދަޕްރެސް
3 ފެބްރުއަރީ 2026 | އަންގާރަ | 5:58
އުމްރާ ގްރޫޕްތައް މެދުވެރިކޮށް ރަމަޟާން މަހު ދަތުރުކުރާ އުމްރާވެރިންނަށް ފަސޭހަކަމާއެކު ޑޮލަރު ގަތުމަށް ހާއްސަ އިންތިޒާމެއް ބޭންކް އޮފް މޯލްޑިވްސް އިން ހަމަޖައްސައިފިއެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބީއެމްއެލް އިން ބުނީ ޑޮލަރު ވިއްކުމުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އަމީނީމަގުގައި ހުންނަ ބީއެމްއެލް ކަސްޓަމާ ސާވިސް ސެންޓަރުގެ ގްރައުންޑް ފްލޯއިން ކަމަށާއި، މި ހިދުމަތް ލިބިގަތުމަށް ކަސްޓަމާ ސާވިސް ސެންޓަރުން ނަމްބަރު ނެގޭނެކަމަށެވެ.
ބީއެމްއެލް އިން ބުނީ މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 8 އިން 26ގެ ނިޔަލަށް ބޭންކު ހުޅުވާ ދުވަސްތަކުގެ ހެނދުނު 9:30 އިން މެންދުރު 12:30 އަށް ކަމަށެވެ. މި މުއްދަތުގައި ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗް، މެއިން ބްރާންޗް، ހުޅުމާލެ ބްރާންޗް އަދި ވިލިމާލެ ބްރާންޗުން އުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ހިދުމަތް މެދުކަނޑާލެވޭނެކަމަށާއި ނަމަވެސް، އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ބްރާންޗްތަކުން ޑޮލަރު ގަތުމުގެ ހިދުމަތް ލިބޭނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.