ކެންސަރު ބަލިން މީހުން ރައްކާތެރިކޮށްދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ: ރައީސް
ދަޕްރެސް
4 ފެބްރުއަރީ 2026 | ބުދަ | 4:40
ކެންސަރު ބަލީގެ މީހުން އެ ބަލިން ރައްކާތެރިކޮށްދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަ ކުރާ ދުނިޔޭގެ ކެންސަރު ދުވަހާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. މި ހާއްސަ ދުވަހާ ގުޅިގެން އެމަނިކުފާނު ވަނީ ކެންސަރު ބަލީގެ ޝިކާރައަކަށްވި މީހުންނާއި، ކެންސަރު ބަލީގެ ޝިކާރައަކަށްވެފައިވާ އެންމެންގެ ހިތްވަރުގަދަ ކަމުގެ އަގު ވަޒަންކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ކޮންމެ އަހަރަކުވެސް ކެންސަރު ބަލީގެ ޝިކާރައަކަށްވާ އެތައް ބައެއްގެ ފުރާނަ ނަގާއިރު، މި ބަލި ޖެހިފައިވާ މީހުންނަށް އެހީވުމަށް ހޭލުންތެރިކަން އިތުރުކޮށް، އެކަމުން ރައްކާތެރިވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ހަމަ އެހެންމެ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ކީމޯތެރަޕީގެ ހިދުމަތް ތައާރަފްކޮށް، ކެންސަރު ބަލީގެ ޒަރޫރީ ފަރުވާ މާލެ ފިޔަވައި އެހެން ސަރަހައްދެއްގައި ފެށީ، އެފަދަ ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.