މާލޭގެ ވިޔަފާރި ބަނދަރު 2027ގެ ނޮވެމްބަރުގައި ތިލަފުއްޓަށް ބަދަލުކުރެވޭނެ: ރައީސް

ދަޕްރެސް

5 ފެބްރުއަރީ 2026 | ބުރާސްފަތި | 10:53

މާލޭ ވިޔަފާރި ބަނދަރު އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ތިލަފުއްޓަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވަނީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތަކީ މުހިއްމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އެގޮތުން 125 މީޓަރުގެ އިންޓަނޭޝަނަލް ކީވޯލްގެ މަސައްކަތް މިއަދު އެމްޕީއެލް އިން ބަޔަކާ ހަވާލުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ޑޮމެސްޓިކް ޕޯޓް ތިލަފުއްޓަށް ބަދަލު ކުރުމަށް ބޭނުންވާ 2 ކިލޯ މީޓަރުގެ ކީވޯލާއި ޕޭވް ކުރުމާއި އިމާރާތްތައް އެޅުމުގެ މަސައްކަތާއި އަދި އިކުއިޕްމަންޓް ހޯދުން މިއަހަރުގެ މެދުތެރޭގައި އެކި ފަރާތްތަކަށް މި އަހަރު ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މި ހުރިހާ މަސައްކަތެއް ނިންމާ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މައުޟޫޢުތަށް