އެމްއެމްއޭއިން މިދިޔަ އަހަރު 492 މިލިއަން ޑޮަލަރު މާރު ކޮށްފި، މިއީ ރެކޯޑް އަދަދެއް!
ދަޕްރެސް
5 ފެބްރުއަރީ 2026 | ބުރާސްފަތި | 11:21
މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ އަހަރު ތެރޭ ޑޮލަރު މާރުކުރި އަދަދު 492 މިލިޔަން ޑޮލަރަށް އަރާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ވަމުން އަންނަ ކަމަށާއި އެމްއެމްއޭ އިން މިދިޔަ އަހަރު އެކަނިވެސް 492 މިލިޔަން އެމެރިކާ ޑޮލަރު މާރުކޮށްފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވުމަށް މަގުފަހިވެގެން ދިޔަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގެ ރަސްމީ ގްރޮސް ރިޒާވްގައި 1.13 ބިލިއަން ޑޮލަރު އެބަހުރި ކަަމށް ވެސް ރައީސް ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ގްރޮސް ރިޒާވް އެންމެ މައްޗަށް ދިޔަ ފަހަރުކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގައި 275 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ޖަމާކޮށްފައި ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.