ތެލެސީމިއާ ހުންނަ ފަރާތްތަކަށް 2000 ރުފިޔާގެ އެލަވަންސެއް ދޭން ނިންމައިފި
ދަޕްރެސް
5 ފެބްރުއަރީ 2026 | ބުރާސްފަތި | 12:25
ތޭލެސީމިއާ ހުންނަ ފަރާތްތަކަށް 2000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
މިއަދު ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ، ތެލެސީމިއާ ހުންނަ ފަރާތްތަކަށް ސަރުކާރުން އަޅާލަން ޖެހޭ ވަރަށް އަޅާނުލާ އޮތުން މި ސަރުކާރުން ނިމުމަކަށް ގެނެސް ހައްލުކުރަން ޖެހޭ ކަންކަން ވާނީ ހައްލު ކުރަން ފަށާފައި ކަމަށެވެ. އެގޮތުން ތެލެސީމިއާ ހުންނަ ފަރާތްތަކަށް 2000 ރުފިޔާގެ އެލަވަންސެއް މިއަހަރުން ފެށިގެން ދިނުމަށް ވަނީ ނިންމާފައި ކަމަށް ރައިސް ވިދާޅުވިއެވެ.
އަދި ތެލެސީމިއާ ބާވަތްތައް ސިއްހީ މިންގަނޑުތަކުން ތަހުލީލު ކުރުމުގައި ލޭގައި ހިމެނޭ ހިމޮގްލޮބިންގެ 27 ބާވަތެއްގެ މިއުޓޭޝަން ދެނެގަތުމަށް ހަދާ އޮޓޮމޭޓަޑް ޑީއެންއޭ ތަހުލީލު ކުރާ ލެބޯޓްރީ ގާއިމްކޮށް ފުރަތަމަ ފަހަރަށް ސަރުކާރުގެ ހޮސްޕިޓަލެއްގައި މި ހިދުމަތް ދިނުމަށް ވަނީ ތައްޔާރުވެފައި ކަމަށް ރައީސް ވިދާޅުވިއެވެ. މި ހިދުމަތުގެ ސަބަބުން މީގެ ކުރިން ދެނެނުގަނެވޭ ލޭގެ މިއުޓޭޝަންތައް ދެނެގަނެ، ތަހުލީލުތަކުގެ ފެންވަރު ރަނގަޅުކޮށް، އެއާ ގުޅިގެން ދެވޭ ލޭގެ ފަރުވާގެ ފެންވަރު މަތިވެގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.