އައްޑޫގައި އައިނު ފިހާރަ ހުޅުވިގެން ދިއުމަކީ މުޅި ދެކުނަށް އޭގެ ފަސޭހަ ގެނުވާނެ ކަމެއް: އަބްދުއްރައްޒާގް
ދަޕްރެސް
7 ފެބްރުއަރީ 2026 | ހޮނިހިރު | 10:48
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އައިނު ފިހާރައިގެ ހިދުމަތް އައްޑޫ ސިޓީގައި ފެށިގެން ދިއުމަކީ، ރައްޔިތުންގެ އަސާސީ ބޭނުންތަކާ ސީދާ ގުޅިފައިވާ ނުހަނު ބޭނުންތެރި ކުރިއެރުމެއްކަމުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި އައިނު ފިހާރަ ހުޅުވުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި އޮތް ހާއްސަ ރަސްމިއްޔާތުގައި ފިހާރަ ހުޅުވައިދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމްއެވެ. މި ރަސްމިއްޔާތުގައި އައިނު ފިހާރައިގެ އިތުރުން އައްޑޫ ސިޓީގައި ގާއިމުކުރި ކެތު ލެބުގެ ހިދުމަތްވެސް ވަނީ ރަސްމީކޮށް ފަށާފައެވެ.
މި ފިހާރަ ހުޅުވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ މިއީ އައްޑޫ ސިޓީގެ އިތުރުން ދިވެހިރާއްޖޭގެ ދެކުނުގެ ސިއްހީ ދާއިރާއަށް ތާރީހީ ގޮތުން ފާހަގަކޮށްލެވޭ މުހިންމު ދުވަހެއް ކަމަށެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އައިނު ފިހާރައިގެ ހިދުމަތް އައްޑޫ ސިޓީގައި ފެށިގެން ދިއުމަކީ، ރައްޔިތުންގެ އަސާސީ ބޭނުންތަކާ ސީދާ ގުޅިފައިވާ ނުހަނު ބޭނުންތެރި ކުރިއެރުމެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މި ހިދުމަތް ގާއިމުކޮށް، މިއަދު ރަސްމީކޮށް އިފްތިތާހު ކުރެވިގެން ދިއުމަކީ އައްޑޫ އަދި ހާއްސަކޮށް ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުން އެތަށް ފަސޭހަކަމެއް ގެނުވާނެކަމެއް ކަމުގައެވެ.