ޗާގޯސްގެ އެއްބަސްވުން ތަސްދީގުކުރުން ފަސްކުރަން އދ.ގެ ކޮމިޓީއަކުން ގޮވާލައިފި

ދަޕްރެސް

8 ފެބްރުއަރީ 2026 | އާދިއްތަ | 7:44

ޗާގޯސް ޖަޒީރާގެ މިލްކުވެރިކަމުގައި އިނގިރޭސި ސަރުކާރުން މޮރިޝަސްއާ އެކު ހަދާފައިވާ އެއްބަސްވުމާ މެދު އދ.ގެ ކޮމިޓީއަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިފަދައިން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ އދ.ގެ ކޮމިޓީ އޮން ދަ އެލިމިނޭޝަން އޮފް ރޭޝަލް ޑިސްކްރިމިނޭޝަނުން މިދިޔަ ހޯމަ ދުވަހު އާންމު ކުރި ރިޕޯޓެއްގައެވެ. އެގޮތުން، މި އެއްބަސްވުމުގެ ސަބަބުން ޗާގޯސްގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުން ދިގުދެމިގެން ދާނެ ކަމަށް ބުނެ އދ. ގެ އެ ކޮމިޓީން ވަނީ އެ އެއްބަސްވުން ތަސްދީގު ނުކުރުމަށް އިނގިރޭސި ސަރުކާރަށް އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ވެސް ޗާގޯސްގެ އަސްލު ވަޒަންވެރިންނަށް އެ މީހުންގެ ކާބަފައިންގެ ރަށް ކަމަށްވާ ޑިއޭގޯ ގާސިއާއަށް އެނބުރި ދިއުން މި އެއްބަސްވުމުގެ ދަށުން މަނާކޮށްފައިވާތީ އެކަމާ ހިތާމަކުރާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

މައުޟޫޢުތަށް