މަޖިލީހަށް ޕެޓިޝަންތައް ހުށަހަޅަން އޮންލައިން ޕޯޓަލްއެއް ގާއިމުކޮށްފި
ދަޕްރެސް
8 ފެބްރުއަރީ 2026 | އާދިއްތަ | 8:19
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށް ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން ހަރުދަނާ ކުރުމުގެ ގޮތުން މަޖިލީހަށް ޕެޓިޝަންތައް ހުށަހަޅަން ހާއްސަ ޕޯޓަލްއެއް ގާއިމުކޮށްފިއެވެ.
މިއަދު މަޖިލީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޕޯޓަލް އިފްތިތާހުކޮށްފައިވާ އިރު، މި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޕެޓިޝަން ހުށަހެޅުމާއި، ހުށަހަޅާފައިވާ ޕެޓިޝަންތަކުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާ ގޮތުގެ އަދާހަމަ މައުލޫމާތު ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މަޖިލީހުން ބުނެއެވެ.
މި ޕޯޓަލްގައި ސޮއިކުރުމާއި، ސޮއިކުރާ ފަރާތްތަކުގެ ސައްހަން ކަށަވަރު ކުރާނީ 'އީ-ފާސް' މެދުވެރިކޮށް ކަން ފާހަގަކޮށް އެ އިދާރާއިން އިތުރަށް ބުނީ، ޕޯޓަލްގެ ސަބަބުން، ޕެޓިޝަނެއް ހުށަހެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބަރޯސާވުން ކުޑަކުރެވި، ރާއްޖޭ ކޮންމެ ހިސާބެއްގައި ހުންނަ ރައްޔިތަކަށް ވެސް ފަސޭހަކަމާއެކު ޕެޓިޝަން ހުށަހެޅޭނެ ކަމަށެވެ.