އަމާން ޓަވަރުތައް ކައިރިއަށް ކުނިއަޅާ މައްސަލަ ބޮޑުވެ، ޖޫރިމަނާ ކުރަން ފަށައިފި
ދަޕްރެސް
10 ފެބްރުއަރީ 2026 | އަންގާރަ | 7:38
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީ ކުރި އަމާން ޓަވަރުތައް ކައިރިއަށް ގަވައިދާ ހިލާފަށް ކުނި އެޅި ބައެއް ފަރާތްތައް ޖޫރިމަނާ ކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
އެފްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ 4000 ހައުސިން ޔުނިޓްތަކުގެ އާންމު ސަރަހައްދުތަކާއި އިމާރާތްތަކުގެ ގްރައުންޑް ފްލޯ ހިމެނޭހެން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ބައެއް ފަރާތްތަކުން ކުނި އުކަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.
އަދި އުސޫލުން ބޭރުން ކުނި ޖަމާކުރުމުގެ ސަބަބުން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިވެ އާންމު ސިއްހަތާއި ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތްތައް މެދުވެރިވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެއީ އެ ކޯޕަރޭޝަނުން ކަނޑައަޅައި އާންމުކޮށްފައިވާ ކުނި އުކާލުމުގެ ގަވައިދާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް އެފްޑީސީން ވަނީ ބުނެފައެވެ.