ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް ހާއްސަ ގާނޫނެއް ހެދުމަށް ހުށަހަޅައިފި
ދަޕްރެސް
11 ފެބްރުއަރީ 2026 | ބުދަ | 3:15
ސަރުކާރުން ފަށާފައިވާ ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް ހާއްސަ ގާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
"ވަތަނީ ހިދުމަތުގެ ބިލު"ގެ ނަމުގައި މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދުއެވެ.
މި ބިލުގައިވާ ގޮތުން އެ ހިދުމަތުގެ ސިޔާސަތުތައް ކަނޑައަޅަން ހާއްސަ ގަވަނިން ކައުންސިލެއް އުފައްދަންޖެހޭއިރު އެ ކައުންސިލްގެ އިސްވެރިޔަކީ ރައީސެވެ. އަދި ވަތަނީ ހިދުމަތުގެ ޕްރޮގްރާމް އެކުލެވިގެންވަނީ މައިގަނޑު ދެ ބަޔަކަށްކަމުގައި ބިލުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން އެއީ އަސާސީ ތައުލީމާއި ތަމްރީނުގެ ކޯސް އަދި ދައުލަތުގެ ޔުނިފޯމް އެޅި ހިދުމަތްތަކުގެ ތެރެއިން ކަނޑައެޅޭ ހިދުމަތެއްގައި މަސައްކަތް ކުރުމެވެ.