މާލޭގައި ދެން މަސްދަޅު ކޭސް ބަހާނީ މުލަ ރޯދަ ދުވަހާ ހަމައަށް މިފްކޯ މަރުކަޒުން
ދަޕްރެސް
12 ފެބްރުއަރީ 2026 | ބުރާސްފަތި | 11:14
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކުރާ މަސް ކޭސް ބެހުމުގެ މަސައްކަތް ރޭ ނިންމާލި ކަމުގައި ވީ ނަމަވެސް، މުލަ ރޯދަ ދުވަހާ ހަމައަށް މަސްދަޅު ކޭސް މިފްކޯ މަރުކަޒުން ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
ސަރުކާރުން މާލެ ސަރަހައްދުގައި މަސްދަޅު ކާސް ބަހަން ފެށީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އެގޮތުން މާލޭގެ 4 ތަނަކާއި ވިލިމާލޭ ވެމްކޯ ސައިޓާއި ހުޅުމާލޭގެ ޖުމްލަ 6 ތަނަކުން ވަނީ މަސް ދަޅު ދޫކޮށްފައެވެ. ނަމަވެސް މި ތަންތަނުން މަސްދަޅު ދޫކުރުން މިހާރު ވަނީ މެދުކަނޑާލާފައެވެ.
ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ރޭގެ ނިޔަލަށް މަސް ކޭސް ދޫކުރުމުގެ މަސައްކަތް މާލެ ސަރަހައްދުގައި ނިންމާލާފައިވީ ނަމަވެސް މުލަ ރޯދަ ދުވަހާ ހަމައަށް މަސްދަޅު ކޭސް ދޫކުރާނެ ކަމަށެވެ. މަސް ދަޅު ކޭސް ދެން ދޫކުރާނީ މިފްކޯގެ މަރުކަޒުން ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.