ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ލިބުނީ "ހުސް ތޮށިގަނޑެއް": ޝުޖާއު

ދަޕްރެސް

14 ފެބްރުއަރީ 2026 | ހޮނިހިރު | 9:47

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ލިބުނީ "ހުސް ތޮށިގަނޑެއް" ކަމަށާއި މުޅި މާލިއްޔާ އޮތީ ދަރުވާލާފައި ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ގއ. ވިލިނގިލިން ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހު ކުރުމުގެ ޖަލްސާގައި ޝުޖާއު ވިދާޅުވީ 2024 ވަނަ އަހަރުގެ މާޗު މަހާ ހިސާބަށް ގައުމު ނުހިފެހެއްޓޭނެކަމަށާ އަދި ލޯނުތައް ނުދެއްކޭނެ ކަމަށް އެމްޑީޕީގެ ލީޑާޝީޕުން ބުނެފައިވާކަމަށެވެ. އެހެންނަމަވެސް ސަރުކާރުގައި މިވީ ދެ އަހަރުގެ ތެރޭގައި އެންމެ ބޮޑު ކާމިޔާބީއަކީ ދައުލަތް ނުދަރައި ހިފަހައްޓާލުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން ޝުޖާއު ވިދާޅުވީ ގައުމުގެ އިޖުތިމާއީ ފޭރާން ރަނގަޅުކޮށް، އިގުތިސާދު ވެސް މަޑުމަޑުން ރަނގަޅު ކުރަމުން އަދި ރުފިޔާ ޗާޕުނުކޮށް، ލޯނުތައް ވެސް މި ސަރުކާރުން ބަރާބަރަށް ދައްކަމުން އަންނަ ކަމަށެވެ. އަދި މި އަހަރުގެ އޭޕްރީލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ވެސް އެ މަނިކުފާނު ދައްކަވައި، ވޭތުވެދިޔަ ސަރުކާރުތަކުން ނެގި ބޮޑު ދަރަނި ވެސް ދައްކާނެކަމަށް ޝުޖާއު ވިދާޅުވިއެވެ.

މައުޟޫޢުތަށް