މާލެ ސިޓީ ކައުންސިލްގެ ޖަލްސާ ކޯރަމް ހަމަނުވާކަމަށް ބުނެ ކެންސަލްކޮށްލީ ހުދުމުހުތާރުކޮށް: ޑެޕިއުޓީ މޭޔަރު
ދަޕްރެސް
17 ފެބްރުއަރީ 2026 | އަންގާރަ | 12:59
މާލެ ސިޓީ ކައުންސިލްގެ ރަސްމީ އާއްމު ޖަލްސާއެއް މިއަދު ބާއްވަން އެޖެންޑާކޮށް ޖަލްސާގެ ކޯރަމްވެސް ބަރާބަރަށް ހަމަވެފައި އޮއްވާ، ކޯރަމް ހަމަނުވާކަމަށް އިއުލާނުކޮށް މޭޔަރު އާދަމް އާޒިމް، ޖަލްސާ ނިންމާލިކަމަށް ބުނެ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ކަންބޮޑުވުންފާޅުކޮށްފިއެވެ.
އަރީޝް ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ މާލެ ސިޓީގެ ރައްޔިތުން ހޮވާފައިވާ މޭޔަރު އޭނާގެ މަގާމުގެ ނުފޫޒުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފައިގެން ވަމުންދާ އިހުމާލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މާލެ ސިޓީ ކައުންސިލްގެ ރަސްމީ އާއްމު ޖަލްސާތައް ބާއްވާ ދުވަހަކީ ކޮންމެ ހަފުތާއެއްގެ ބުދަ ދުވަސްކަމަށް ކަނޑައަޅައި އެކަން ދާއިމީކޮށް ކުރަމުން އަންނަތާ އެތައް ދައުރެއްވެފައިވާކަން ފާހަގަކުރައްވަމުން އަރީޝް ވިދާޅުވީ މިއަދުގެ ޖަލްސާ، މޭޔަރު އާދަމް އަޒިމް އެޖެންޑާ ކުރީވެސް ކުއްލިއަކަށް ކަމަށެވެ.