އަނެއްކާވެސް ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށުމަށް، ބަގީ ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަނީ
ދަޕްރެސް
22 ފެބްރުއަރީ 2026 | އާދިއްތަ | 4:51
ވިލިމާލޭގައި ބޭނުންކުރަން ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ބަގީ ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.
ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ވިލިމާލޭގައި އަލުން ރަނގަޅު ފެންވަރެއްގައި ބަގީގެ ހިދުމަތް ތައާރަފުކުރުމަށް، ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ބަގީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަމުން އަންނަކަމެވެ. އެ ހިދުމަތް ފެށުމަށް 9 ބާގީއެއް ހޯދަމުން އަންނައިރު ސިޓީ ކައުންސިލުން ހޯދަމުން އަންނަނީ 11 ސީޓުގެ 4 ބަގީ، 8 ސީޓުގެ 3 ބަގީ، އަދި ދެ ކާގޯ ބަގީއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މި ފަހަރު ހޯދަމުންދަނީ ބެޓެރީ ލައިފް ގިނަ ވަގުތު ހިފެހެއްޓޭނެ ވެހިކަލްތަކެއް ކަމަށާއި އެ ބަގީތަކަކީ ބްރޭންޑުގެ ބަގީ އަށް ވާންޖެހޭނެ ކަމަށެވެ. އަދި ވެހިކަލްތައް ގެންނައިރު ސިޓީ ކައުންސިލުގެ ލޯގޯ ވެހިކަލްގައި ހުންނަންޖެހޭނެ ކަމަށާއި ބަގީ ސަޕްލައިކޮށްދޭ ފަރާތުން މަދުވެގެން އެއް އަހަރަށް ސްޕެއާ ޕާޓްސް ލިބޭނެ އިންތިޒާމު ހަމަޖައްސަންޖެހޭނެ ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.