ފެން ހުސްކުރި ޕެޓް ފުޅީގައި ކާބޯތަކެތި ބަންދު ނުކުރަން އަންގައިފި
ދަޕްރެސް
22 ފެބްރުއަރީ 2026 | އާދިއްތަ | 9:56
ކާބޯތަކެތި ބަންދުކުރަން ބޯ ފެނާއި ލުއި ބުއިން ހުސްކުރި ޕެޓްފުޅިތައް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފިއެވެ.
މިނަރަލް ވޯޓާ ބަންދުކޮށްފައި ހުންނަ ހުސް ފުޅިތަކުގައި ރުކުރާ، ކުރުނބާ ފަދަ ބާވަތްތަކުގެ ބުއިންތައް ބަންދުކޮށްގެން ބާޒާރުމަތީގައި ހުންނަ ގޮޅިތަކުގައި އަދި ރީޓެއިލް ބައެއް ފިހާރަތަކުގައި ވެސް ވިއްކަން ހުންނަތަން ފެނެއެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން، ބޯފެނާއި ލުއި ބުއިންތައް ހުސްކޮށްފައިވާ ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް ވިޔަފާރީގައި ބޭނުން ކުރަމުންދާ ކަން ފާހަގވެފައިވާ ކަމަށެވެ. މި ފުޅިތަކަކީ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ގޮތަށް ވަކި ވައްތަރެއްގެ ޕްލާސްޓިކް (ޕޮލިއެތިލީން ޓެރަތަޔަރޭޓް ނުވަތަ ޕެޓް) އިން ތައްޔާރުކޮށްފައިވާ ފުޅިތަކެއް ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.