އިދިކޮޅު ކިޔާވަރުގެ ޕާޓީއެއް ނެތް، އެމްޑީޕީގެ ވެރިން ވީ އާ ސިޔާސީ ޕާޓީއެއް އުފައްދަން: ފަލާހް
ދަޕްރެސް
24 ފެބްރުއަރީ 2026 | އަންގާރަ | 9:00
އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށް ބުނާ އެމްޑީޕީއަށް އޮތް ތާއީދު ވަނީ ދަށަށް ގޮސްފައި ކަމަށާއި އެ ޕާޓީގެ ވެރިން އެމްޑީޕީ ދޫކޮށްލާފައި އާ ޕާޓީއެއް އުފެއްދުމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ގޮވާލައްވައިފިއެވެ.
މާލެ ސިޓީގައި ރޭ ހުޅުވި ތިނަދޫ ސިޓީގެ ޕީއެންސީ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އތމ ކޮމިޓީގެ އިންތިހާބުގެ ކެމްޕެއިން މެނޭޖަރު ފަލާހް ވަނީ މިހާރު އިދިކޮޅު ޕާޓީއެއް ނެތް ކަމަށް ވިދާޅުވެ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ފަލާހް ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްލަ 1352 ގޮނޑީގެ ތެރެއިން އެމްޑީޕީން ވާދަ ނުކުރާ 450 އެއްހާ ގޮނޑި އެބަ އޮތް ކަމަށެވެ. އެއީ ވާދަކުރާނެ ކެންޑިޑޭޓުން ނުލިބިގެން ކުރިމަތިނުލާ ގޮނޑިތައް ކަމަށް ފަލާހް ވިދާޅުވިއެވެ. ޕަސެންޓޭޖަށް ބަލާނަމަ 30 ޕަސެންޓް ގޮނޑިއަށް އެމްޑީޕީން ވާދަ ނުކުރާ ކަން ފާހަގަކުރައްވަމުން ފަލާހް ވިދާޅުވީ، މިހާރު ވެސް އެ ޕާޓީ ބަލިވެއްޖެ ކަމަށެވެ. މިކަމުން އެނގިގެން ދަނީ އެމްޑީޕީގެ ތާއީދު ދިވެހިރާއްޖޭގައި ދަށަށް ގޮސްފައި މިންވަރު ކަމަށެވެ.