ދުންފުހުން އާންމު ސިއްހަތަށް ގެއްލުންވެދާނެ، ހައްލު ހޯދަން މަސައްކަތް ކުރަނީ: ފޮރިން މިނިސްޓްރީ
ދަޕްރެސް
25 ފެބްރުއަރީ 2026 | ބުދަ | 2:33
ރާއްޖެއަށް މި ވަގުތު ކުރަމުންދާ ދުންފުހުގެ އަސަރު ދިގު މުއްދަތަކަށް ފޯރުމަކީ އާންމު ސިއްހަތަށް ގެއްލުން ވާނެ ކަމަށް ވާނެތީ މި މައްސަލަ ހައްލުކުރުމަށް ސައިންޓިފިކް ދިރާސާކޮށް ބައިނަލްއަގްވާމީ ފަރާތްތްކާއެކު މަޝްވަރާކުމަށް ކަމާ ބެހޭ ފަރާތަކަށް ބާރު އަޅަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، މޫސުމީ ގޮތުން ކުރިމަތިވާ ދުންފުހުގެ މައްސަލައަކީ އާންމު ސިއްހަތާއި، ތިމާވެށީގެ ރައްކާތެރިކަމާއި، އިގްތިސާދީ ދެމެހެއްޓެނިވި ކަމާ ސީދާ ގުޅިފައިވާ ކަމަކަށް ވާތީ، ދިވެހި ސަރުކާރުން މިކަމަށް ގައުމީ ފެންވަރުގައި ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. މިހާރު ކުރިމަތިވެފައިވާ ދުންފުހުގެ ހާލަތާ ގުޅިގެން އާންމުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ސަރުކާރުން ބަލައިގަންނަ ކަމަށެވެ.
ގައުމުތަކުގެ ބޯޑަރު ހުރަސްކޮށް އަންނަ މިފަދަ ވައި ނުސާފުވުމުގެ އަސަރު ގައުމަށް ދިގު މުއްދަތަކަށް ފޯރުމަކީ އާންމު ސިއްހަތަށާއި، އިޖުތިމާއީ ދުޅަހެޔޮކަމުގެ އިތުރުން، ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގްތިސާދަށް އޮތް ބޮޑު ނުރައްކަލެއްކަން ފޮރިން މިނިސްޓްރީން ފާހަގަކުރެއެވެ. މި ހާލަތަކީ މުޅި ދެކުނު އޭޝިއާ ސަރަހައްދުގެ ޖައްވަށް މޫސުމީ ގޮތުން އަންނަ ބަދަލުތަކުގެ ނަތީޖާއެއް ކަަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.