ޑިޖިޓަލް ފަސޭހައާއެކު ރަށްރަށުގައި ތިބެގެން އާމްދަނީ ހޯދުމުގެ ފުރުސަތު ތަނަވަސްވާނެ: ރައީސް
ދަޕްރެސް
26 ފެބްރުއަރީ 2026 | ބުރާސްފަތި | 2:04
މޯލްޑިވްސް 2.0 ގެ އަމާޒުތައް ހާސިލްވެ ޑިޖިޓަލް ދިވެހިރާއްޖެއެއްގެ ފަސޭހަތައް ހޯދެމުންދިޔަ ވަރަކަށް ރަށްތަކުގައިތިބެ، ހިދުމަތްތައް ހޯދައި އާމްދަނީގެ މަގުތައް ފަހިކުރުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް އިތުރަށް ތަނަވަސްވަމުން ދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ މިއަދު ފާހަގަކުރާ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ.
މި ހިތާބުގައި އެމަނިކުފާނު ވަނީ ލާމަރުކަޒީ ދުވަހުގެ ތަހުނިޔާ ހުރިހާ ދިވެހި ރައްޔިތުންނަށާއި، މި ދާއިރާގައި މަސައްކަތްކުރާ ހީވާގި ހިދުމަތްތެރީންނަށް އަރިސްކުރައްވާފައެވެ. އަދި ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.