ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ އިސްލާހެއް ގެނެސްފި
ދަޕްރެސް
26 ފެބްރުއަރީ 2026 | ބުރާސްފަތި | 4:43
ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތަށް ހަމަޖައްސައިފިއެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އާންމުކުރި އެ ކޮމިޝަންގެ ގަވާއިދުގެ އިސްލާހުގައި ބުނެފައި ވަނީ ސަރުކާރު އޮފީސްތަކުގައި މަސައްކަތްކުރާ، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް އޮފީހަށް ހާޒިރުނުވެ، އޮފީހުގެ ރަސްމީ މަސައްކަތްތައް ކުރުމަށް އެދޭ ހާލަތުގައި އެގޮތަށް މަސައްކަތް ކުރުމުގެ ހުއްދަ ދެވޭނެ ކަމަށެވެ. އެ ހުއްދަ ދޭންވާނީ، ނުކުޅެދުންތެރިކަން ހުންނަ ކުއްޖާގެ އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންތައްތަކުގައި އެހެން މީހެއްގެ އެހީތެރިކަން ބޭނުންވާނެ މިންވަރު ބަޔާންކޮށް، ސިއްހީ މަސައްކަތްތެރިޔަކު ދޫކޮށްފައިވާ ލިޔުމަށް ރިއާޔަތްކޮށް ކަމަށް އެ އިސްލާހުގައި ބުނެފައި ވެއެވެ.
އެ އިސްލާހުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން 3 ދަރަޖައެއް ދީފައި ވެއެވެ އެ ތިން ދަރަޖައިގެ ތެެރެއިން 1 ވަނަ ދަރަޖައިގައި ބުނާ ބެލެނިވެރިންނަށް މުޅި ދުވަހު އެއްކޮށް އޮފީހަށް ހާޒިރު ނުވެ މަސައްކަތްކުރުމުގެ ހުއްދަ ދޭންވާނެ ކަމަށް ވެއެވެ. ދަރަޖަ 2 އާއި ދަރަޖަ 3 ގައިވާ ބެލެނިވެރިން އޮފީހަށް ހާޒިރު ނުވެ މަސައްކަތްކުރުމުގެ ހުއްދަ ދޭންވާނީ، ނުކުޅުދުންތެރިކަން ހުންނަ ކުއްޖާގެ ކައިރީގައި ކޮންމެހެން ވެސް ހުންނަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެ ކަމުގައި ވާނަމައެވެ.