ޗާގޯސް މައްސަލަ: ރާއްޖެއާއެކު އޮތް ހާރިޖީ ގުޅުން ސަސްޕެންޑް ކުރަން މޮރިޝަސް އިން ނިންމައިފި
ދަޕްރެސް
27 ފެބްރުއަރީ 2026 | ހުކުރު | 11:15
ޗާގޯސް މައްސަލައިގައި އުފެދިފައިވާ ހިލާފުތަކާ ގުޅިގެން ރާއްޖެއާ އެކު ހާރިޖީ ގުޅުން ސަސްޕެންޑް ކުރަން މޮރިޝަސްގެ ސަރުކާރުން މިއަދު ނިންމައިފިއެވެ.
މިގޮތަށް ނިންމާފައި ވަނީ މޮރިޝަސްގެ ވަޒީރުންގެ މަޖިލީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ. އެ ނިންމުމުގެ ތެރޭގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ޗާގޯސްގެ ޖަޒީރާގެ ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ރާއްޖޭން ގަބޫލުކުރަން މިހާރު ދެކޮޅު ހަދޭފައިވާ ކަމަށާއި އިނގިރޭސި ސަރުކާރާއެކު އެކުލަވާލަން މަސައްކަތް ކުރާ އެއްބަސްވުމަށް ވެސް ރާއްޖޭން އިއުތިރާޒުކުރާކަން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން މި ވަގުތުން ފެށިގެން ރާއްޖެ އާއެކު އޮތް ހާރިޖީ ގުޅުން ސަސްޕެންޑުކުރުމަށް މޮރިޝަސް ކެބިނެޓުން ނިންމާފައިވާ ކަމަށް މޮރިޝަސްގެ ބޮޑުވަޒީރުގެ އޮފީހުން ބުނެފައި ވެއެވެ.