ގަލްފު ގައުމުތަކުގައި ދިރިއުޅޭ ދިވެހިން ހާއްސަ ސަމާލުކަމެއްދީ އެ ގައުމުތަކުގެ އިރުޝާދަށް ތަބާވުމަށް އެދިއްޖެ
ދަޕްރެސް
28 ފެބްރުއަރީ 2026 | ހޮނިހިރު | 8:46
އިޒްރޭލުން އީރާނަށް ހަމަލާދިނުމާ ގުޅިގެން މެދުއިރުމަތީ މިހާރު ފެށިފައިވާ ހަނގުރާމައިގައި އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިން ހާއްސަ ސަމާލުކަމެއް ދިނުމަށް ފޮރިން މިނިސްޓްރީން އެދެފިއެވެ.
އެ މިނިސްޓްރީން ވަނީ މެދުއިރުމަތީގައި މިއަދު ފަށާފައި މިވާ ހަގުރާމައާ ގުޅިގެން، މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ އެންމެހާ ދިވެހިން ސަލާމަތާ ރައްކާތެރިކަމަށް އަހައްމިއްޔަތުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.
އަދި ހާއްސަކޮށް ހަމަލާ އަމާޒުވަމުންދާ ގައުމުތަކުގައި މިވަގުތުތިބި ދިވެހިން ބޭރުތެރެއަށް ނުކުމެ އުޅުން ވީހާވެސް މަދުކުރުމަށާއި އެގައުމެއްގެ ސަރުކާރުން ސަލާމަތާ ރައްކާތެރިކަމަށް ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ވެސް އެދިފައި ވެއެވެ.