އިޒްރޭލުން ފެށި ހަމަލާތަކާ ގުޅިގެން ވެލާނާ އެއާޕޯޓްގެ ފްލައިޓްތައް ކެންސަލްވެ ފަތުރުވެރިން ތާށިވެފައި
ދަޕްރެސް
28 ފެބްރުއަރީ 2026 | ހޮނިހިރު | 10:15
މެދު އިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އިން ދަތުރުކުރާ ގިނަ ފްލައިޓްތަކެއް ކެންސަލްވުމުގެ ސަބަބުން އެއާޕޯޓްގައި ގިނަ އަދަދެއްގެ ފަތުރުވެރިން ނުފުރި ތިބި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ވަގުތު އެއާޕޯޓްގައި ގިނަ އަދަދެއްގެ ފަތުރުވެރިން އަދި ދިވެހިން ވެސް ނުފުރި އެބަ ތިއްބެވެ. މިއީ މިއަދު ކެންސަލްވި ފްލައިޓްތަކުން ދަތުރު ކުރަން ހަމަޖެހިފައިވާ ފަސިންޖަރުންނެވެ. އޭގެ ތެރެއިން ފަސިންޖަރަކު މައުލޫމާތު ދެމުން ބުނީ، ފްލައިޓްތައް ކެންސަލް ވެފައިވާ އިރު ދެން ފުރޭނީ ކޮން އިރަކު ކަން ވެސް ނޭނގޭ ކަމަށެވެ.
ފްލައިޓްތައް ޑިލޭވެ ކެންސަލްވުމާ ގުޅިގެން މިއަދު 2000 އަށް ވުރެ ގިނަ މީހުން އެއާޕޯޓުގައި ތާށިވި ކަމަށް އިނާ މޯލްޑިވްސް ސީއީއޯ މުހައްމަދު ފިރާގު ބުނެފައި ވެއެވެ. ފިރާގު ބުނީ ކުއްލިއަކަށް ކުރިމަތިވި މި ގޮންޖެހުމުން އަރައިގަތުމަށް އެކުގައި މަސައްކަތް ކުރުމާއި، މުއާމަލާތްތައް ރަނގަޅުކޮށް، ރާއްޖެ އަންނަ ފަތުރުވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ އަގު ނުވެއްޓޭނެ ހެން އަވަސް ނިންމުންތަކެއް ނިންމަން ޖެހޭ ކަމަށެވެ.