"ލޫޓުވާލައިފި" މުޒާހަރާއިން ފުލުހުންގެ މަސައްކަތަށް ހުރަސް އެޅި 8 މީހަކަށް ދައުވާކުރަން ފޮނުވައިފި

ދަޕްރެސް

1 މާރިޗު 2026 | އާދިއްތަ | 10:15

"ލޫޓުވާލައިފި" ނަމުގައި މިދިޔަ އޮކްތޯބަރު މަހުގެ 3 ވަނަ ދުވަހު އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި 8 މީހަކަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ބުނެފިއެވެ.

އެ 8 މީހުންގެ މައްޗަށް ކުރެވޭ ތުހުމަތު ތަކަކީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މާލޭގެ އެކި މަގުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް އާންމު ދަތުރުފަތުރު ކުރުމަށާއި، އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުން ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ޕީޖީ އިން ބުނީ، އެ މީހުންގެ މައްޗަށް ގާނޫނު ނަންބަރު: 9/2014 ގެ 532 ވަނަ މާއްދާގެ (ހ) ގެ ދަށުން، ގާނޫނު ތަންފީޒް ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ ކުރަން މިދިޔަ މަހުގެ 26 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މައުޟޫޢުތަށް