މޮރިޝަސް އިން ގުޅުން ކަނޑާލިޔަސް، ފޯޅަވަހީގެ ހައްގުވެރި ފަރާތަކީ ރާއްޖެ: ރައީސް

ދަޕްރެސް

2 މާރިޗު 2026 | ހޯމަ | 1:14

ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ކަމުގެ ތާރީހީ ވަރަށް ގިނަ ހެކިތައް ފެންނަން އޮތް ކަމަށާއި މޮރިޝަސް އިން ގުޅުން ކަނޑާލިޔަސް، ފޯޅަވަހީގެ ހައްގުވެރި ފަރާތަކީ ރާއްޖެކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ރައީސް ވިދާޅުވީ ފޯޅަވައްސަކީ ތާރީހީ ގޮތުން ބަލާއިރު އެތަށް ގޮތަކުން ރާއްޖެއާ ގުޅިފައިވާ ތަނެއް ކަމަށެވެ. އަދި އެތަނުގެ ހައްގުވެރި ފަރާތާ އެތަން ހަވާލުކުރަންޏާ، ރާއްޖެއަށްވުރެ ހައްގުކަން ބޮޑު ބައެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. މި މައްސަލައިގައި މިހާރު އިނގިރޭސި ސަރުކާރާއެކު މަޝްވަރާ ކުރަމުން އަންނަކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ މިކަމުގައި ބައިނަލްއަގްވާމީ ގޮތުން އޮންނަ މިންގަނޑުތަކާ އެއްގޮތަށް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅާނެކަމަށެވެ.

މޮރިޝަސްއިން ރާއްޖެއާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލުމަކީ ތާކުންތާކު ޖެހޭ ނިންމުމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މޮރިޝަސްއިން އެނިންމުން ނިންމާފާއިވަނީ، އެއްވެސް މަޝްވަރާއެއް ނެތި ކަމަށާއި، އެ ނިންމުން ނިންމިނަމަވެސް މޮރިޝަސްއަށް ހައްގުނޫން ތަނެއް ހައްގު ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މައުޟޫޢުތަށް