ނުފުރި ތިބި ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކުރުމަށް، ނިންމާފައިވާކަމަށް އިމިގްރޭޝަނުން ބުނެފި
ދަޕްރެސް
2 މާރިޗު 2026 | ހޯމަ | 1:24
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދަތުރުކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ، ފަތުރުވެރިންނަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ ފެބްރުއަރީ 28 ވަނަ ދުވަހު މެދުއިރުމަތީގައި ފެށުނު ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ބައެއް ފްލައިޓްތައް ކެންސަލްވެފައިވާ ކަމަށެވެ. އަދި ރާއްޖޭގައި މި ވަގުތު ތިބި ފަތުރުވެރިންނަށް ވިސާގެ މުއްދަތު ހަމަވުމާ ހަމައަށް ފުރޭނެ އިންތިޒާމެއް ނެތްކަން ފާހަގަކޮށް އިމިގްރޭޝަނުން ބުނީ އެ ފަރާތްތަކުގެ ޓޫރިސްޓް ވިސާ އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އެސަރަހައްދުގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމުގެ ސަބަބުން ފަސިންޖަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.