އާއިލީ ބޯހިޔާވަހިކަން: ފްލެޓާއި ގޯއްޗަށް ހުށަހެޅި ފޯމަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ދަޕްރެސް
2 މާރިޗު 2026 | ހޯމަ | 2:42
"އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން ފްލެޓާއި ގޯއްޗަށް ހުށަހަޅާ މީހުންގެ ފޯމަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހައުސިން މިިސްޓްރީން ބުނީ އެ ޕްރޮގްރާމުގެ ދަށުން ފޯމު ހުށަހެޅުމުގައި މައުލޫމާތު ފުރިހަމަ ނުކޮށް ނުވަތަ ނުބައި މައުލޫމާތު ހުށަހެޅިފައިވާ މީހުންނަށް ފޯމާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޭޕްރީލް 30 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ޝަކުވާ ހުށަހެޅުމަށް ދެވޭނީ އެއް ފުރުސަތުކަން ފާހަގަކޮށް މިނިސްޓްރީން ބުނީ "ބޯހިޔާވަހިކަން ޕޯޓަލް" ގެ މެއިން މެނޫ އިން ޝަކުވާ ހުށަހެޅުމަށް ހާއްސަ ކޮށްފައިވާ ޓެބު ފެންނާނެ ކަމަށެވެ.
މި ސްކީމްގެ ދަށުން މާލެ ސަރަހައްދުންނާ، ރަސްމާލެ އިން 7،900 ފްލެޓާ، 1،250 އަކަފޫޓުގެ 15,000 ގޯއްޗެއް ދޫކުރުމަށް ހަމަޖެހިފައިވާއިރު ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު މާޗު 4 ވަނަ ދުވަހުގެ ރޭގަނޑު 11:59 އަށް ވަނީ ހުޅުވާލާފައެވެ. އަދި ފްލެޓަށް އެދުމުގެ ފުރުސަތު އޭޕްރީލް 17 އާ ހަމައަށްވަނީ ހުޅުވާލާފައެވެ.