ހަށިގަނޑުގައި ދަގަނޑުގެ ބާވަތް މަދުވުން: ސަމާލުވާންޖެހޭ މުހިންމުކަމެއް
ދަޕްރެސް
4 މާރިޗު 2026 | ބުދަ | 10:15
އިންސާނާގެ ހަށިގަނޑަކީ ވަރަށް ފުރިހަމަ ނިޒާމުތަކެއްގެ މައްޗަށް އެކުލެވިގެންވާ އުފެއްދުމެކެވެ. މި ނިޒާމުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރުމަށްޓަކައި ތަފާތު ވިޓަމިންތަކާއި މިނަރަލްތައް ބޭނުންވެއެވެ. އޭގެ ތެރެއިން ވެސް 'އަޔަން' ނުވަތަ ދަގަނޑުގެ ބާވަތަކީ ހަށިގަނޑުގެ ދުޅަހެޔޮކަމަށްޓަކައި ކޮންމެހެން ބޭނުންތެރި، އެންމެ މުހިންމު އެއް މާއްދާއެވެ. ނަމަވެސް މިއަދުގެ ދިރިއުޅުމުގެ އާދަކާދަތައް ހުރިގޮތުން ގިނަ ބައެއްގެ ހަށިގަނޑުން ދަގަނޑުގެ ބާވަތް މަދުވުމުގެ މައްސަލަ ދަނީ ކުރިމަތިވަމުންނެވެ.
ދަގަނޑަކީ ލޭގެ ރަތް ސެލްތަކުގައި ހުންނަ 'ހީމޯގްލޯބިން' އުފެއްދުމަށް ބޭނުންވާ މުހިންމު ބަހާއެކެވެ. ހީމޯގްލޯބިންގެ މައިގަނޑު މަސައްކަތަކީ ފުއްޕާމޭގެ ތެރެއިން އޮކްސިޖަން ނަގައިގެން ހަށިގަނޑުގެ ހުރިހާ ގުނަވަންތަކަކަށް އެ ފޯރުކޮށްދިނުމެވެ. އެހެންކަމުން، ހަށިގަނޑުގައި ދަގަނޑު މަދުވެއްޖެނަމަ، ގުނަވަންތަކަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބި، އިންސާނާ ބަލިކަށިވެ، ސިއްހީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ.
ރަމަޟާން މަހަކީ ކެއުމާއި ބުއިމުގެ އާދަކާދަތަކަށް ބޮޑެތި ބަދަލުތަކެއް އަންނަ މަހެކެވެ. މި ބަދަލުތަކުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާއެއް ކަމުގައިވާ ދަގަނޑުގެ ބާވަތް މަދުވުމުގެ ފުރުސަތު ބޮޑުވެއެވެ. ރޯދަމަހު ގިނަ ބަޔަކަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ހާރުކެއުމާއި ރޯދަވީއްލުމުގައި މާ ބޮޑަށް ފޮނި ތަކެއްޗަށާއި ތެޔޮ އެއްޗެއްސަށް ބަރޯސާވުމެވެ. މިފަދަ ކާނާތަކަކީ އޭގައި ހަށިގަނޑަށް ބޭނުންވާ އަޔަން ނުވަތަ އެހެނިހެން މިނަރަލްތައް ވަރަށް މަދުން އެކުލެވޭ ތަކެއްޗެވެ.