މީސް ޕޯޓަލް ރީބްރޭންޑްކޮށް ކުރިއަށް އޮތް 2 ހަފްތާތެރޭ ލޯންޗުކުރާނެ: ރިފާއު

ދަޕްރެސް

2 މާރިޗު 2026 | ހޯމަ | 10:04

ކްލަބް ޖަމިއްޔާތައް ރަޖިސްޓްރީ ކުރެވޭ ގޮތަށް އޮތް "މީސް ޕޯޓަލް" އެއް މަންސައެއްގެ ތެރެއިން ކުޅިވަރާ ގުޅުންހުރި ރަސްމީ ގިނަ ކަންތައްތަކެއް ކުރެވޭ ގޮތަށް އަޕްގްރޭޑް ކޮށް ކުރިއަށް އޮތް ދެ ހަފްތާ ތެރޭ އެ ޕޯޓަލް ލޯންޗުކުރަން ނިންމާފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން މިނިސްޓަރު ރިފާއު ވިދާޅުވީ، ކޮމިޝަނާ އޮފް ސްޕޯޓްސް އާއި ކުޅިވަރު އެސޯސިއޭޝަންތަކާއި ކުލަބު ޖަމިއްޔާތަކެއް މުއާސަލާތުކޮށް، އެކިއެކި ރަސްމީ ލިޔެކިޔުންތައް ބަދަލުކުރެވޭނެ ގުޅިލާމެހިފައިވާ ނިޒާމެއް ގާއިމްކުރުމަކީ ކުޅިވަރު ވުޒާރާއިން ކުރަމުން އައި މަސައްކަތެއް ކަމަށެވެ. އެ މަސައްކަތުގެ ދަށުން "މީސް ޕޯޓަލް" މިހާރު އަޕްގްރޭޑް ކޮށް ނިންމާލާފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިހާރު ކުރަމުންދާ މަސައްކަތީ އެ ޕޯޓަލްގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށާއި ބަގްތައް ފިލުވައި ކުރިއަށް އޮތް ދެ ހަފްތާއެއްހައި ދުވަހުގެ ތެރޭގައި އެ ޕޯޓަލް ރީބްރޭންޑްކޮށް، ލޯންޗުކުރާނެކަން ރިފާއު ހާމަކުރެއްވިއެވެ. މި ޕޯޓަލް ލޯންޗުކުރެވުމުން، މޯލްޑިވްސް 2.0 އާ އެއް ޕްލެޓްފޯމެއްގައި ކުޅިވަރު ކޮމިއުނިޓީ އިންޓަގްރޭޓް ކުރުމުގެ މަސައްކަތް ނިމި، ބޭނުން ކުރެވޭނެ ކަމަށް ރިފާއު ވިދާޅުވިއެވެ.

މައުޟޫޢުތަށް