އީރާނުގެ ސުޕްރީމް ލީޑަރު އަވަހާރަކޮށްލުން ރައީސް މައުމޫން ކުށްވެރިކުރައްވައިފި
ދަޕްރެސް
2 މާރިޗު 2026 | ހޯމަ | 10:32
އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަ ކޮށްލުން، ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުށްވެރިކުރައްވައިފިއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިރޭ ރައީސް މައުމޫން ވިދާޅުވީ ރަހުމުކުޑަގޮތަކަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރިކުރާކަމަށެވެ. މައުމޫންގެ މެސެޖުގައި ހާމަނާއީގެ އާއިލާއަށް ތައުޒިއާ ވިދާޅުވެފައިވެއެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނުގެ އޮފީސް ވަގުތުގައި އިޒްރޭލުގެ ބޮންއަޅާ ބޯޓުތަކުން އެއްފަހަރާ 12 ސަރަހައްދަކަށް ހަމަލާ ދިން އިރު، އޭގެ ތެރެއިން އެންމެ މުހިންމު އަމާޒަކީ ހާމަނާއީގެ އޮފީހެވެ. އެ އޮފީހަކީ، ސަރުކާރުގެ އޮފީސް އިމާރާތްތަކާއި ޑިފެންސް މިނިސްޓްރީ އާއި އެނޫންވެސް މުހިންމު އިދާރާތައް ހުންނަ އެންކްލޭވް ނުވަތަ 24 ގަޑިއިރު ފޯރިމަރާ ބަލަހައްޓަމުންދާ ސަރަހައްދުގައި ހުންނަ އޮފީހެކެވެ. އާންމު ބަހުން ނަމަ 'ރެޑް ޒޯން' އެވެ. އިޒްރޭލުގެ ހަމަލާގައި ހާމަނާއީގެ އޮފީސް ބިމާ ހަމަވެފައި ވީ ނަމަވެސް އޭރު ހާމަނާއީ އަވަހާރަވި ކަމެއް އިޒްރޭލަކަށް ޔަގީނެއް ނުކުރެވެއެވެ.