އައްޑޫގައި ޑްރަގް ވިޔަފާރިކުރާ ތުހުމަތުގައި، ނަދީމާއެކު ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

ދަޕްރެސް

3 މާރިޗު 2026 | އަންގާރަ | 12:00

އަލީ ނަދީމް އާއެކު އިތުރު ހަ މީހަކު ބައިވެރިވެގެން އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރި ތުހުމަތުގައި ހައްޔަރު ކުރި އެ ހަތް މީހުން ދޫކޮށްލައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ބުނީ، ސ. ހިތަދޫ، ކޮންމުލި، އަލީ ނަދީމް އާއި، އިތުރު ބަޔަކު ބައިވެރިގެން އައްޑޫ ސިޓީގައި ފުޅާ ދާއިރާއަކަށް މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް، އެކަމުން ހޯދާ ފައިސާ ލޯންޑާ ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު މުއްދަތު މިއަދުގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ.

މައްސަލަ ތަހުގީގު ކުރުމަށް ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތު ހަމަވުމާ ހަމައަށް ލިބިފައިވާ ހެކި ގަރީނާ ވަޒަންކޮށް ބެލިއިރު، މި މައްސަލާގައި ތުހުމަތުކުރެވޭ މީހުން، ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވިކަން ނުވަތަ މަނީ ލޯންޑާ ކުރިކަން ގާނޫނުގައި ކަނޑައެޅިފައިވާ މިންގަނޑަށް ސާބިތުކޮށްދެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައި ނުވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. މި މައްސަލައިގެ ތަހުގީގު މުއްދަތު ގާނޫނު ތަންދޭ އެންމެ ދިގު މުއްދަތާ ހަމައަށް އެކި ފަހަރު މަތިން އިތުރުކޮށްދީފައިވާ ކަމަށް ވެސް ޕީޖީ އިން ބުނެއެވެ. ނަމަވެސް، އެ މުއްދަތުގެ ތެރޭގައި ތަހުގީގު އެކަށީގެންވާ ވަރަށް ފުރިހަމަކުރެވި، ދައުވާ ކުރެވޭ މިންވަރަށް ހެކި ގަރީނާ ހޯދިފައި ނުވާ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.

މައުޟޫޢުތަށް