ރ އަތޮޅުގެ ދެ ރަށެއްގައި މަތީ ތައުލީމުގެ މުހިންމު މަޝްރޫއުތަކެއް ހިންގުމަށް ސޮއިކޮށްފި
ދަޕްރެސް
3 މާރިޗު 2026 | އަންގާރަ | 6:02
މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާ ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ރ. އަތޮޅުގެ ދެ ރަށެއްގައި މުހިންމު މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް މިއަދު ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ކުރިއަށްގެންދާ މި މަޝްރޫއުތަކުގެ ދަށުން، ރ. އިންނަމާދޫގައި ޓެކްނިކަލް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގް (ޓިވެޓް) ސެންޓަރެއް ބިނާކުރުމަށާއި، ރ. ހުޅުދުއްފާރުގައި އެކަމަޑޭޝަން ފެސިލިޓީއެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ތަރައްގީކުރާ މި މަޝްރޫއުތަކަކީ ދަރިވަރުންނަށް އެ ރަށްތަކުގައި ތިބެގެން މަތީ ތައުލީމާއި ތަމްރީނު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ފެށި މަސައްކަތްތަކެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަތޮޅުތެރޭގައި ތައުލީމީ ފުރުސަތުތައް އިތުރުކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މި މަޝްރޫއުތަކުގެ ދަށުން ރ. އިންނަމާދޫގައި ގާއިމު ކުރާ ޓިވެޓް ސެންޓަރު ހާއްސަކުރެވިފައިވަނީ ރާއްޖޭގެ ސަގާފީ އަދި އިގްތިސާދީ ގޮތުން މުހިންމު ދާއިރާއެއް ކަމަށްވާ ބޯޓް-ބިލްޑިންގް ނުވަތަ ދޯނިފަހަރު ބަނުމުގެ ދާއިރާއިން މީހުން ތަމްރީނު ކުރުމަށެވެ. މަސައްކަތުގެ ދުވެލި އަވަސްކުރުމުގެ ގޮތުން މި އިމާރާތް ތައްޔާރުކުރާނީ ޕްރީ-ފެބް އުސޫލުންކަމަށާއި، މި އިންސްޓިޓިއުޓްގައި ކިޔަވައިދިނުމަށް ބޭނުންވާނެ އެންމެހާ ޒަމާނީ ވަސީލަތްތައް ގާއިމުކުރެވޭނެކަމަށް މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން އިން ބުނެފައިވެއެވެ. އެވެ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލު ކުރެވިފައިވަނީ ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑާއެވެ.