ގޮއިދޫގައި ކެންސަރު ބަލި އިތުރުވާތީ ދިރާސާއެއް ކުރަން ނިންމައިފި

ދަޕްރެސް

3 މާރިޗު 2026 | އަންގާރަ | 6:12

ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ބ. ގޮއިދޫގައި ކެންސަރު ބަލި ޖެހޭ މީހުން އިތުރުވާތީ ބަލި އިތުރުވާ ސަބަބު ދެނެގަތުމަށް ދަނޑުތަކުގައި ބޭނުންކުރާ ޕެސްޓިސައިޑްސްގެ ދިރާސާއެއް ކުރަން ނިންމާފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ، ގޮއިދޫގައި ކެންސަލް ބަލި އިތުރުވާ ސަބަބު ދެނެގަތުމަށް ދިރާސާތައް ކުރިއަށް ގެންދަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަމަށެވެ. މިނިސްޓްރީގެ އެއްބާރުލުން ދީގެން ހަދާ މި ދިރާސާ ނިމުމުން އަވަސް ހައްލެއް ހޯދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެ ރަށުގައި ކެންސަރު ބަލި އިތުރުވާތީ ހެލްތް މިނިސްޓްރީއަށް ވަނީ އާންމުންގެ މީޙަކު ސިތީއެއް ފޮނުވާފައެވެ. އެ ސިޓީގައި ބުނެފައިވާ ގޮތުގައި އެ ރަށުގައި ދަނޑުވެރިކަން ކުރުމުގެ މަސައްކަތުގައި މިހާރު ގިނައިން ހަރަކާތްތެރިވަނީ ބިދޭސީން ކަމަށާއި ބިދޭސީން ގަސްގަހަށް ޕެސްޓިސައިޑް ބޭނުންކުރާ މިންވަރު އިތުރުވާ ކަމަށެވެ. އެ ދަނޑުތަކުގައި ހައްސާ ތަރުކާރީއާއި މޭވާތަކަކީ އިންސާޏުންގެ ސިއްހަތަށް ނުރައްކާ ވާ މިންވަރަށް ޕެސްޓިސައިޑް ބޭނުންކޮށްފައިވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައި ވެއެވެ.

މައުޟޫޢުތަށް