ބީއެމްއެލްގެ އެހީގައި ދ. އަތޮޅު ތައުލީމީ މަރުކަޒުގައި މަލްޓިމީޑިއާ ސްޓޫޑިއޯއެއް ގާއިމްކޮށްފި
ދަޕްރެސް
5 މާރިޗު 2026 | ބުރާސްފަތި | 3:22
2025 ވަނަ އަހަރު ބޭންކް ފަންޑް ކާމިޔާބުކުރި އެއް ފަރާތްކަމަށްވާ ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ (ޔޫއައިއެސް) އިން ދ. ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު އެޑިއުކޭޝަން ސެންޓާގައި މަލްޓި-މީޑިއާ ސްޓޫޑިއޯއެއް ހުޅުވައިފިއެވެ.
ޔޫއައިއެސްއަކީ ކުޑަހުވަދޫގެ ޖަމިއްޔާއެކެވެ. މި ޕްރޮޖެކްޓްގެ ދަށުން 800 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރާ ދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގައި ވަނީ މަލްޓި-މީޑިއާ ސްޓޫޑިއޯއެއް ގާއިމުކޮށްފައެވެ. މީޑިއާ ކްލަބަށް އެހީތެރިވެދޭނެއެވެ. މި މަލްޓި-މީޑީއާ ސްޓޫޑިއޯ ގާއިމުކޮށްފައި ވަނީ ޕްރޮފެޝަނަލް ކެމެރާއާއި ލައިޓިންގް ކިޓް، އޯޑިއޯ ރެކޯޑު ކުރާނެ ވަސީލަތްތަކާއި އެޑިޓިންގް ކޮމްޕިއުޓާ އަދި ސްޓްރީމިންގް ހާޑްވެއާވެސް ހިމަނައިގެންނެވެ.
ދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ދަރިވަރުން މިހާރުވެސް މީޑިއާ ކްލަބެއް ހިންގައެވެ. އެހެން ނަމަވެސް މި ކްލަބްގައި އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ދަތިކަން ފާހަގަކޮށްފައިވެއެވެ. މި ޕްރޮޖެކްޓުގެ ދަށުން ޔޫއައިއެސް ގެ އަމާޒަކީ، މިސެންޓަރު މެދުވެރިކޮށް މީޑީއާ ދާއިރާގައި ދަރިވަރުންގެ ހުނަރާއި ތަޖުރިބާ އިތުރުކުރުމެވެ. އެގޮތުން ދަރިވަރުންނަށް ވީޑިއޯ އުފެއްދުމަށާއި، އިވެންޓް ބްރޯޑްކާސްޓްކުރުމަށާއި ވީޑިއޯ ރިޕޯޓް ހެދުމަށާއި އެ މަރުކަޒުގެ ރަސްމީ ޔޫޓިއުބް ޗެނަލަށް ތައުލީމީ ކޮންޓެންޓް އުފެއްދޭނެ ތަމްރީނުދޭ އަދި އުފެއްދުންތެރި މަރުކަޒެއްގެ ގޮތުގައި މިތަން ބޭނުންކުރެވޭނެއެވެ. އަދި މި މަރުކަޒުގެ ހިދުމަތް ރަށުގެ އެހެން އޮފީސްތަކަށާއި ކައިރި ރަށްރަށަށް ވެސް ފޯރުކޮށްދީ ގުޅިގެން މަސައްކަތްކުރުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.