އަގްސުންގުރް މިސްކިތް: ފަތުރުވެރިންގެ މެދުގައި މަގުބޫލު، 13 ވަނަ ގަރުނުގެ ތާރީހީ މިސްކިތެއް

ދަޕްރެސް

8 މާރިޗު 2026 | އާދިއްތަ | 2:48

ބްލޫ މިސްކިތް ނުވަތަ އިބްރާހިމް އަޣާގެ މިސްކިތުގެ ނަމުން ވެސް ނަންދެވިފައިވާ އަގްސުންގުރް މިސްކިތަކީ މިސްރުގެ ގާހިރާގައި ހުންނަ ގަދީމީ މިސްކިތެކެވެ. މި މިސްކިތް ހުންނަނީ ދަރުބް އަލް އަހުމަރު ޑިސްޓްރިކްޓްގެ ތައްބާނާ ކުއާޓަރުގައި، ބާބު ޒުވެއިލާ އާއި ގާހިރާގެ ސިޓަޑެލް އާއި ދެމެދުގައެވެ. މި މިސްކިތުގެ ބާނީ ޝަމްސް އައްދީން އަގްސުންގުރާ، އޭނާގެ ދަރިންނާ، ބަހްރީ މަމްލޫކް ސުލްތާން އަން ނާސިރު މުހައްމަދުގެ ދަރިންނާ، އިބްރާހިމް އަޣާ އަލް މުސްތަހްފިޒާންގެ މަހާނަ ހުރީ މި މިސްކިތުގެ ކޮމްޕްލެކްސްގައެވެ.

މި މިސްކިތުގެ މަސައްކަތް ނިންމާފައިވަނީ 1347 ވަނަ އަހަރު މަމްލޫކުގެ ސުލްތާން އަލްމުޒައްފަރު ހަޖީގެ ވެރިކަމުގައި، އަމީރު ޝަމްސްއްދީން އަގްސުންގުރްގެ އަމުރަށެވެ. މި މިސްކިތުގެ މަސައްކަތް ކުރިއަށް ދިޔައިރު އަގްސުންގުރް ވަނީ މުޅި މަޝްރޫއު ސުޕަވައިޒް ކުރެއްވުމުގެ އިތުރުން މިސްކިތުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެފައެވެ. 15 ވަނަ ގަރުނުގެ ތެރޭގައި ސީރިއާއިން ވަގުފް ގެ ފައިސާ ނުލިބުމާ ގުޅިގެން މި މިސްކިތުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެގެން ދިޔައެވެ. އަދި ފަހުން މި މިސްކިތް ބޭނުންކުރަމުން އައީ ހަމައެކަނި ބަންދު ދުވަސްތަކާއި ހުކުރު ދުވަހުގެ ހުކުރު ނަމާދަށެވެ.

1652 އާއި 1654 އާ ދެމެދު އުސްމާނީ ވެރިކަމުގައި ޖަނީސާރީންގެ ޖެނެރަލެއްގެ ގޮތުގައި ހުންނެވި އަމީރު އިބްރާހިމް އަޣާ އަލް މުސްތަހުފިޒާން ވަނީ މި މިސްކިތުގެ ފުރާޅާއި އާކޭޑްތައް އަލުން އާރާސްތުކޮށް، މިސްކިތުގެ ދެކުނު ނަމާދު ހޯލުގެ ތަނބުތައް އިތުރު ކުރުމުގެ ބޮޑު މަޝްރޫއެއް ފަށާފައެވެ. އަދި މިސްކިތުގެ މުށިތައް ފެހި އަދި ނޫކުލައަށް ބަދަލުކުރުމާ ގުޅިގެން މި މިސްކިތަށް 'ބްލޫ މިސްކިތު' ގެ ނަމުން ނަން ދެވުނެވެ. އޭރު އުސްމާނީ ސަގާފަތާ އެއްގޮތަށް، އަގްސުންގުރް މިސްކިތުގެ ނަން ރަސްމީކޮށް ބަދަލުކުރީ، އެ މިސްކިތް އަލުން އާރާސްތުކުރި ފަރާތުގެ ނަން ކަމުގައިވާ އިބްރާހިމް އަޣާ މިސްކިތު ގެ ނަމަށެވެ. އެހެންނަމަވެސް ފަހުން އެ ނަން ގިނައިން ބޭނުންކޮށްފައެއް ނުވެއެވެ.

މައުޟޫޢުތަށް