ހާމިސް މިސްކިތް: މިހާރު ފެންނަން ހުރީ ހަމައެކަނި ތާރީހީ ބިނާއެއް!
ދަޕްރެސް
17 މާރިޗު 2026 | އަންގާރަ | 9:50
ހާމިސް މިސްކިތަކީ ބަހްރެއިންގެ ފުރަތަމަ މިސްކިތް ކަމުގައިވާއިރު މިއީ އުމަވީ ހަލީފާ އުމަރު ދެވަނަ ގެ ޒަމާނުގައި ބިނާކުރި މިސްކިތެއް ކަަމަށް ތާރީހީ ފަތްފޮތް ތަކުގައިވެއެވެ. އަލް ވަސަތުގެ ނޫސްވެރިޔާ ކާސިމް ހުސެއިން މަސްދަރުތަކާ ހަވާލާދީ ފާހަގަކޮށްފައިވާ ގޮތުގައި މިއީ އެ ޒަމާނެއްގައި އުޔުނިދުސްގެ ވެރިކަމުގައި އެއް މުންނާރާއެކު ބިނާކުރި ތަނެކެވެ. އަދި ދެވަނަ މުންނާރު ބިނާކޮށްފައިވަނީ އޭގެ ދެ ގަރުނު ފަހުން އުސްފޫރިދުންގެ ވެރިކަމުގައެވެ.
މީލާދީން 692 ވަނަ އަހަރުގެ ކުރީކޮޅު ބިންގާ އަޅާފައިވާ ކަމަށް ބެލެވޭ މި މިސްކިތަކީ މެދުއިރުމަތީގެ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އެއް މިސްކިތެވެ. އެތަނުން ފެންނަ ބައެއް ލިޔުންތަކަށް ބަލާއިރު މިއީ މީލާދީން 11 ވަނަ ގަރުނުގެ ތެރޭގެ ކޮންމެވެސް ދުވަސްވަރެއްގައި ބިނާކުރި މިސްކިތެކެވެ. އޭގެ ފަހުން 14 ވަނަ ގަރުނާއި 15 ވަނަ ގަރުނުގައި ވެސް ދެ ފަހަރެއްގެ މަތިން އަލުން މި މިސްކިތް ބިނާކޮށްފައި ވާއިރު، އެ ދުވަސްވަރު މިސްކިތުގެ މުންނާރުތައް ހަދާފައިވެއެވެ. ހާމިސް މިސްކިތުގެ ބައެއް ތަންތަން ވަނީ ފަހުން ވަރަށް ބޮޑަށް އާރާސްތުކޮށް މަރާމާތުކޮށްފައެވެ.
މި މިސްކިތުގެ މިހާރު ފެންނަން ހުރި އިމާރާތް ކުރިއަށް ދިޔައީ މައިގަނޑު ދެ ފިޔަވައްސަކަށެވެ. މީލާދީން 14 ވަނަ ގަރުނުގެ ތެރޭގައި ލަކުޑި ތަނބުތަކެއް ޖަހައިގެން، ކުރިން ހަދާފައިވާ ނަމާދު ހޯލެއްގެ މަސައްކަތް ނިންމާފައިވާއިރު ފަހުން ވަނީ މިސްކިތުގެ ފުރާޅުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައެވެ.