ބަންޑާރަ މިސްކިތުގެ ތާރީހީ ހައިސިއްޔަތު ނުގެއްލޭނެ ހެން ހެދިދާނެ: ޝަހީމް
ދަޕްރެސް
6 މާރިޗު 2026 | ހުކުރު | 9:53
ބަންޑާރަ މިސްކިތް ހުރި ތަނުގައި ޒަމާނީ މިސްކިތެއް ހަދާއިރު އެތަނުގެ ތާރީހީ ހައިސިއްޔަތު ނުގެއްލޭނެހެން ހެދިދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވެފައި ވަނީ، ބަންޑާރަ މިސްކިތް ހުރި ތަނުގައި ޒަމާނީ މިސްކިތެއް އަޅަން ނިންމާފައިވާ ކަން އިއުލާން ކުރެއްވުމުން އެކަމާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުން އަމާޒުވުމާ ގުޅިގެންނެވެ. އެގޮތުން ތާރީހީ ކަންކަން ދިރާސާ ކުރަމުން އަންނަ ނާޖިހް ދީދީ މިކަމަށް ފާޑުވިދާޅުވުމުން ޝަހީމް ވަނީ ރައްދެއް ދެއްވާފައެވެ. ޝަހީމް ވިދާޅުވީ، އެ މިސްކިތް ބިނާ ކުރާއިރު ތާރީހީ ހައިސިއްޔަތު ނުގެއްލޭނެހެން އެތަން ހެދޭނެ ކަމަށާއި ހަރަމްފުޅާއި މަސްޖިދުއް ނަބަވީވެސް ބޮޑު ކުރަނީ އެގޮތަށް ކަމަށެވެ. އަދި ޝަހީމް ވަނީ ނާޖިހް މެންގެ ވިސްނުމުން މައްސަލައެއް އޮތް ކަމަށް ވިދާޅުވެފައެވެ.
ބަންޑާރަ މިސްކިތް ހުރި ބިމުގައި އާ މިސްކިތެއް އަޅަން ނިންމައި ޝަހީމް ކުރެއްވި ޕޯސްޓްުގައި ވިދާޅުވެފައި ވަނީ، މި ރޯދަ މަސް ނިމުމުން އެ މިސްކިތް ހުރި ތަނުގައި ޒަމާނީ މިސްކިތެއް އެޅުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެކަމަށް ބޭނުންވާ ދީލަތި އެހީވެސް ހަމަޖެހިފައިވާ ކަމަށާއި މިއާއެކު މާލޭގެ ހުރިހާ ބޮޑެތި މިސްކިތްތައް އާވެގެން ދާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.