ތާޖުލް މަސާޖިދު: މަސައްކަތް ނިންމުމަށް ގަރުނަކަށް ވުރެ ގިނަ ދުވަސް ހޭދަވި މިސްކިތެއް!
ދަޕްރެސް
15 މާރިޗު 2026 | އާދިއްތަ | 10:00
ތާޖުލް މަސާޖިދަކީ އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ބޮޕާލް ސްޓޭޓްގައި ހުންނަ ދިއޯބަންދީ ހަރަކާތުގެ ބައެއް ކަމަށްވާ ތަބްލީގީ ޖަމާއަތާ ގުޅިފައިވާ މިސްކިތެކެވެ. މި މިސްކިތުގައި އެއްފަހަރާ 175،000 މީހުންނަށް އަޅުކަން ކުރެވޭ އިރު މިއީ އިންޑިއާގެ އެންމެ ބޮޑު މިސްކިތެވެ. އަދި މި މިސްކިތަކީ 2014 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ ނުވަވަނައަށް އެންމެ ބޮޑު މިސްކިތެވެ.
މި މިސްކިތުގެ އެންމެ ހާއްސައެއް ކަމަކީ މިސްކިތުގެ މަސައްކަތް ނިންމުމަށް ގަރުނަކަށް ވުރެ ގިނަ ދުވަސް ހޭދަވިއިރު މިސްކިތް ބިނާކުރުމުގެ ފަހަތުގައިވާ ތަފާތު ތާރީހެވެ. މި ވާހަކަ ފަށަނީ މުގަލަ ޒަމާނަށް (1526-1857) އިންޑިއާގައި މުގަލަ ސްޓައިލްގެ އާކިޓެކްޗަރަލް މަސައްކަތުގެ ދުވަސްވަރަށެވެ. އެ ދުވަސްވަރު އިސްލާމްދީނު އުނގަންނައިދީ ދީން ފެތުރުމަށް މުސްލިމް ވެރިން ވަނީ ގިނަ އަދަދެއްގެ މިސްކިތްތަކާއި މަދަރުސާތައް ބިނާކޮށްފައެވެ.
ތާޖުލް މަސާޖިދުއެގޮތުން ތާޖުލް މަސާޖިދު ހެދުމުގެ މަސައްކަތް ފެށީ، ބޮޕާލްގެ ނަވާބް ޝާހް ޖަހާން ބެގަމްއެވެ. މި މިސްކިތް އިމާރާތް ކުރަން ފެށި އަހަރަކީ 1857 ވަނަ އަހަރު ކަމަށް ލަފާކުރެވެއެވެ. މި މިސްކިތް ބިނާކުރުމަށް ފުރަތަމަ ނިންމި ތަނުގައި ފައްޅިއެއްގެ ބައެއް ހުރުމުން މިސްކިތް ބިނާކުރަން އެހެން ސަރަހައްދެއް ހަމަޖެއްސިއެވެ.