މައި ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާމެދު ގާސިމް: އެކަން ކުރަން މާ ލަސްވެސް ވެއްޖެ
ދަޕްރެސް
9 މާރިޗު 2026 | ހޯމަ | 12:13
މައި ދެ އިންތިހާބު ކަމަށްވާ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއިދު ކުރައްވާ ކަން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހާމަ ކުރައްވައިފިއެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. ނަމަވެސް މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
މި ދެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރާއި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން އެއްބަސްވަމުންދިޔަ ނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. މި ވޯޓާއި ގުޅިގެން ހިޔާލު ތަފާތުވެފައިވާ މި ދަނޑިވަޅުގައި ގާސިމް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.