ހައްޔަރުކުރި ބިދޭސީއަކަށް އަނިޔާ ކުރި ކަމުގެ ޝަކުވާއެއް ނުކުރޭ: ފުލުހުން
ދަޕްރެސް
10 މާރިޗު 2026 | އަންގާރަ | 10:11
ތިން ކިލޯގެ ޑުރަގާއެކު ހައްޔަރުކުރި ބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނެ، އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ހުށަހެޅި ނަމަވެސް އެ މީހާގެ ފަރާތުން އެ ފަދަ ޝަކުވާއެއް ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު ހައްޔަރު ކުރި ބިދޭސީ މީހާއަށް އަނިޔާ ކުރި ކަމަށް އެޗްއާރްސީއެމް އަށް މައްސަލަ ހުށަހަޅާފައި ވަނީ މިހާރު ވެސް ބަންދުގައި ހުރި 36 އަހަރުގެ ހަނީފް ނަމަކަށް ކިޔާ ބަންގްލަދޭޝް މީހެކެވެ.
ފުލުހުން ބުނީ، އެޗްއާރްސީއެމުން މައްސަލަ ތަހުގީގުކުރާކަން ފުލުހުންނަށް އަންގާފައިވާ ކަމަށާއި އެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. ނަމަވެސް އެ މީހާ ބަންދުކުރި މަރުހަލާގައި ވެސް އަދި ބަންދުގައި ހުރި މުއްދަތުގައި ވެސް އަނިޔާއެއް ލިބިފައިވާކަމުގެ އެއްވެސް ޝަކުވާއެއް ކޮށްފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.