އިސްދޫގެ އާސާރީ މިސްކިތާއި ލޯމާފާނު: ކާބަފައިންގެ ފަންނުވެރިކަމުގެ ލާމަސީލު ހެކިތަކެއް
ދަޕްރެސް
11 މާރިޗު 2026 | ބުދަ | 2:20
ދިވެހިރާއްޖޭގެ ދެކުނުން ހައްދުންމަތީގެ އިރުމަތީ ބިތުގައި އޮންނަ ލ. އިސްދޫއަކީ ދިވެހި ތާރީހުގެ ރަން ސަފުހާތަކެއް ގުޅިފައިވާ، އާސާރީ ގޮތުން ނުހަނު މުހިންމު ރަށެކެވެ. މި ރަށުގެ މުއްސަނދި ތާރީހު ފެންނަން އޮތް އެންމެ ވަރުގަދަ ހެއްކަކީ އެ ރަށުގައި ހުރި އާސާރީ މިސްކިތާއި، އިސްލާމްދީނުގެ ކުރީގެ ބައެއް ބިނާތަކެވެ.
ލ. އިސްދޫގެ އާސާރީ މިސްކިތަކީ ދިވެހި ކާބަފައިންގެ ކެނދުކެނޑުމާއި، ހިރިގަލުގެ މަސައްކަތްތެރިކަން އިންތިހާއަށް ދައްކުވައިދޭ ބިނާއެކެވެ. ރަށުގެ ދުވަސްވީ މީހުން މައުލޫމާތު ދިން ގޮތުގައި، މި މިސްކިތަކީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ބިނާކޮށްފައިވާ ތަނެކެވެ. މިސްކިތުގެ ފާރުތައް ބިނާކޮށްފައިވަނީ ކަނޑުން ނަގާފައިވާ ހިރިގަލުންނެވެ. މި ގަލުގައި ކަނޑާފައިވާ ކުރެހުންތަކާއި ފަރުމާތަކަކީ މިއަދުގެ ޒަމާނީ ވަސީލަތްތަކާ ނުލައި އެ ދުވަސްވަރުގެ މީހުން ކޮށްފައިވާ އާދަޔާހިލާފު މަސައްކަތްތަކެކެވެ. މިސްކިތުގެ އެތެރޭގެ ލަކުޑި މަސައްކަތްތަކާއި، ފަންގިފިލާގައިވާ ލިޔެލާޖެހުމުގެ މަސައްކަތްތަކަކީ ދިވެހި ފަންނުވެރިކަމުގެ ރީތި މިސާލުތަކެކެވެ.
އިސްދޫއިން ވާހަކަދެއްކި ބައެއް ފަރާރްތަކުން މައުލޫމާތު ދިން ގޮތުގައި، މި މިސްކިތް ބިނާކުރުމުގައި ބޭނުންކޮށްފައިވާ ބައެއް ތަކެއްޗަކީ ރަށުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުތަކުން ހޯދާފައިވާ ތަކެއްޗެވެ. އަދި މިސްކިތުގެ ގޯތިތެރޭގައި ހުރި އާސާރީ ވަޅާއި، ގަބުރުސްތާނުގައި ހުރި މަހާނަގާތަކުން ވެސް އެ ރަށުގެ މުސްކުޅި ތާރީހު ސިފަވެގެންދެއެވެ. މިސްކިތުގެ ފާރުތަކުގައިވާ ބައެއް ލިޔުންތަކަކީ ދިވެހިންގެ ދުވަސްވީ އަކުރުތަކުން ލިޔެފައިވާ ލިޔުންތަކެއް ކަން ވެސް ރަށުގެ އިސްރަށްވެހިން ފާހަގަކުރެއެވެ.