ދެދުނިޔޭގެ ބާއްޖަވެރިކަމުގެ ތަޅުދަނޑި ހޯދުމަށް ދުވަހުގެ ފެށުމަކީ ފަތިސް ނަމާދު ކަމުގައި ހަދަމާ
ދަޕްރެސް
12 މާރިޗު 2026 | ބުރާސްފަތި | 9:03
ކާމިޔާބީއަކީ ކޮންމެ އިންސާނަކުވެސް އެދޭނެ އެންމެ މަތިވެރި ނަތީޖާއެވެ. ދުނިޔަވީ ހަޔާތުގައްޔާއި އާހިރަތުގެ ބާއްޖަވެރިކަމުގައި ކާމިޔާބު މީހަކަށް ވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ފަތިސް ނަމާދުން ދުވަސް ފެށުމެވެ. ފަތިސް ނަމާދަކީ ހަމައެކަނި އަޅުކަމެއް ނޫނެވެ. އެއީ މީހާގެ މުޅި ދުވަހުގެ ތަރުތީބާއި، ނަފްސާނީ ދުޅަހެޔޮކަމާ އަދި ކާމިޔާބީގެ ބިންގަލެވެ.
ކާމިޔާބު މީހަކަށް ވުމަށްޓަކައި އެންމެ ފުރަތަމަ ބޭނުންވަނީ މާތް ﷲ ގެ ހިމާޔަތާއި ރައްކާތެރިކަމެވެ. ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ފަތިސް ނަމާދުކޮށްފި މީހާވަނީ ﷲ ގެ އަހުދުކަށަވަރާއި ހިމާޔަތުގެ ދަށުގައެވެ." މުޅި ދުވަހުގެ މަސައްކަތްތަކުގައި ބަރަކާތްލައްވާ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި މިއަށްވުރެ ބޮޑު ހިތްހަމަޖެހުމެއް އޮންނާނެ ހެއްޔެވެ؟ ﷲގެ ހިމާޔަތުގައި ހުރެ މަސައްކަތް ފަށާ މީހަކަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނަސް އެކަމުން އަރައިގަތުމުގެ ހިތްވަރު ލިބިގެންދެއެވެ.
ފަތިސް ނަމާދަށް ހޭލާ މީހާއަށް ދުވަހުގެ އެންމެ ބަރަކާތްތެރި ވަގުތު ލިބެއެވެ. އިރުއެރުމުގެ ކުރިން ހޭލާ ނަމާދުކޮށް ދުވަހުގެ މަސައްކަތްތައް ރޭވުމަކީ ކާމިޔާބު މީހުންގެ އާދައެކެވެ. ރަސޫލާ صلى الله عليه وسلم ވަނީ އުންމަތުގެ ހެނދުނުގެ ވަގުތުގައި ބަރަކާތް ލެއްވުމަށް އެދި ދުއާކުރައްވާފައެވެ. ފަތިހު ހޭލުމުން ސިކުނޑި ތާޒާވެ، މަސައްކަތްތަކަށްދޭ ސަމާލުކަން އިތުރުވެއެވެ. މިއީ ދުނިޔަވީ ގޮތުން ބެލިޔަސް އުފެއްދުންތެރިކަން އިތުރުކޮށްދޭ އެންމެ މުހިންމު ސިފައެވެ.