އިރާގުގެ ކުރުދިސްތާނުގައި ހުންނަ ޔޫއޭއީ ގެ ކޮންސިއުލޭޓް ޖެނެރަލަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
ދަޕްރެސް
11 މާރިޗު 2026 | ބުދަ | 7:26
އިރާގުގެ ކުރުދިސްތާން ސަރަޙައްދުގައި ހުންނަ ޔުނައިޓެޑް އެރަބް އެމިރޭޓްސް، ޔޫއޭއީ ގެ ކޮންސިއުލޭޓް ޖެނެރަލަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން މިއަދު އާންމުކޮށްފައިވާ ބަޔާނުގައި އިރާގުގެ ކުރުދިސްތާން ސަރަޙައްދުގައި ހުންނަ ޔޫއޭއީ ގެ ކޮންސިއުލޭޓް ޖެނެރަލަށް އަމާޒުކޮށް ދާދިފަހުން ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ. އެބަޔާނުގައި ހާރިޖީ މިޝަންތަކަށް އަމާޒުކޮށް ހަމަލާދިނުމަކީ ހާރިޖީ ގުޅުންތަކާބެހޭ ވިއެންނާ ކޮންވެންޝަނާ ހިލާފު ސީރިއަސް އަމަލެއް ކަމަށާއި، އެއީ ބައިނަލްއަގްވާމީ ގޮތުން ގާއިމުކޮށްފައިވާ ހާރިޖީ އުސޫލުތަކަށް ހުރަސްއެޅޭ ކަމެއްކަން ދިވެހިރާއްޖެއިން ފާހަގަކޮށްފައިވެއެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ކުއްލި ގޮތަކަށް އީރާނަށް ހަމަލާދިނުމާ ގުޅިގެން، އީރާނުން ވަނީ ބަދަލުހިފުމުގެ ގޮތުން އެތައް ސަތޭކަ ޑްރޯންއާއި މިސައިލް ހަމަލާތަކެއް ފޮނުވާލާފައެވެ. މި ހަމަލާތައް ހަމައެކަނި އިސްރާއީލަށް އަމާޒުކުރުމުގެ ބަދަލުގައި، އެމެރިކާގެ އަސްކަރީ ވަސީލަތްތައް ހުރި އަވަށްޓެރި އަރަބި ގައުމުތަކަށްވެސް ވަނީ އަމާޒުކޮށްފައެވެ. މީގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުން ވަނީ ބޮޑުވެފައެވެ.