އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލައިގަ ހައްޔަރުކުރި އަށް މީހުންނަށް ދައުވާކޮށްފި
ދަޕްރެސް
11 މާރިޗު 2026 | ބުދަ | 7:21
މިދިޔަ އަހަރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ބީއެމްއެލް އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައިގަ ހައްޔަރު ކުރި 8 މީހުންނަށް ދައުވާ ކޮށްފިއެވެ.
މިކަމާ ގުޅިގެން ޕީޖީ އޮފީހުން ބުނީ މިދިޔަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގެ ޓާމިނަލް 1 ގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ އަޅާފައިވާ ސޫޓް ކޭސްއެއް، ވަޅިން ބިރުދެއްކުމަށްފަހު ފޭރިގަނެފައިވާ މައްސަލާގައި ދައުވާ ކުރުމަށް މިދިޔަ ފެބްރުވަރީ މަހުގެ 8 ވަނަ ދުވަހާއި 26 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފަވާކަމަށެވެ.
ޕީޖީ އޮފީހުން މައުލޫމާތު ދިން ގޮތުގައި ތ. ވިލުފުށި، އެހީވާގެ، އަހްމަދު މާހިދުގެ މައްޗަށް އުފުލާފައިވަނީ ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 213 ވަނަ މާއްދާގެ ދަށުން ފޭރުމުގެ ކުށުގެ ދައުވާ އާއި، ގާނޫނު ނަންބަރު 7/2025 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގެ ކުށުގެ ދައުވާގެ އިތުރުން، ގާނޫނު ނަންބަރު 7/2025 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު) ގެ 35 ވަނަ މާއްދާގެ ދަށުން، މަގްބޫލު ސަބަބެއްނެތި އާންމު ތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.