މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑު ނުރައްކަލެއް: ނަޝީދު
ދަޕްރެސް
12 މާރިޗު 2026 | ބުރާސްފަތި | 11:25
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން، ދިވެހިރާއްޖޭގެ އިގްތިސާދަށާއި ސަލާމަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ 'ސްޕުޓްނިކް ނިއުސް' ގެ ނޫސްވެރިޔާ ދަރިޔާ މަހޭޝްވާރީއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ނަޝީދު ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ނުފޫޒު މިހާރު އިންޑިއާ ކަނޑަށް ފޯރަން ފަށާފައިވާ ކަމަށެވެ. ހާއްސަކޮށް "އައިރިސް ދޭނާ" އަޑިއަށް ދިޔަ ހާދިސާއަކީ މި ސަރަހައްދުގެ ސަލާމަތަށް އޮތް ބިރުވެރިކަމެއް ކަން ނަޝީދު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، މި ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފައެވެ. ދުބާއީ އާއި މެދުއިރުމަތީގެ ދަތުރުފަތުރުގެ މަރުކަޒުތަކަށް ދަތިތަކެއް ކުރިމަތިވުމުގެ ސަބަބުން، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ގާތްގަނޑަކަށް 30 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.