މީހުން: ދޮންތަގެ ހުނަރުން ކުރެހުމަށް ލޯބި ޖެހުނު ސައްޖާދާ ކާމިޔާބީގެ އާ އުސްމިންތަކަކަށް!
ދަޕްރެސް
15 މާރިޗު 2026 | އާދިއްތަ | 9:50
ކޮންމެ އިންސާނަކީވެސް ކޮންމެވެސް ހުނަރެއް ނުވަތަ ފަންނުވެރިކަމެއް ލިބިފައިވާ މީހެކެވެ. އެގޮތުން ކުރެހުމަކީ އޭގެ ޒާތުގައި ވަރަށް ތަފާތު ހިތުގެ ޝުއޫރުތައް ސިފަކޮށްދޭ ހިތްގައިމު ފަންނެކެވެ. މިއަދު އަޅުގަނޑުމެންގެ މުޖުތަމައުން މި ދާއިރާއިން ކުރިއަރަމުން އަންނަ އުންމީދުން ފުރިގެންވާ ގިނަ އަދަދެއްގެ ޒުވާނުން ފެނެއެވެ.
އެގޮތުން މި ރޯދަ މަހާއި ގުޅިގެން "ދަ ޕްރެސް" ގެ މީހުން ސެގްމެންޓުގައި މިއަދު މި ގެނެސްދެނީ މި ދާއިރާގައި ފިޔަ ޖަހަމުން ދާ އުމުރުން 24 އަހަރުގެ ށ. ފީވަކަށް ނިސްބަތްވާ އާމިނަތު ސައްޖާދާ އަބްދުﷲ ޝަރީފްގެ ވާހަކައެވެ.
ސައްޖާދާގެ މި މަސައްކަތާއި ގުޅިގެން ދަ ޕްރެސް އަށް މައުލޫމާތު ދެމުން ސައްޖާދާ ބުނީ އޭނާގެ މި ފަންނީ ދަތުރު ފެށުނީ އާއިލާގެ ތެރެއިންކަމަށެވެ. ކުޑައިރުއްސުރެ އޭނާގެ ދޮންތަ ކުރަހާ ފުރިހަމަ ކުރެހުންތަކާއި ދޮންތަގެ އަތްތެރި މަސައްކަތުގައި ހުންނަ ފަރުވާތެރިކަން ފެނި އެކަމަށް އޭނާގެ ހިތުގައި ޝައުގުވެރިކަން އުފެދުނުކަމަށް ސައްޖާދާ ކިޔާދިނެވެ. ދޮންތަގެ ކޮންމެ ކުރެހުމަކީ ސައްޖާދާއަށް ލިބުނު ފިލާވަޅެކެވެ. މިގޮތުން ދޮންތަގެ ހުނަރުވެރިކަން ނަމޫނާއަކަށް ބަލައިގެން ފެށި މި ދަތުރު، މިއަދު މިއޮތީ ވަރަށް އުސް ހިސާބަކަށް ގޮސްފައެވެ.