ސުއޫދުގެ ފާޑުކިޔުންތަކަށް އުޝާމް: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަނީ ގާނޫނުއަސާސީން އެކަން ލާޒިމްކުރާތީ
ދަޕްރެސް
15 މާރިޗު 2026 | އާދިއްތަ | 2:13
ދެ އިންތިހާބު އެއްކޮށްލާ ވޯޓަކަށްވުރެ ގާނޫނުއަސާސީގައި ބަދަލުކުރަން ޖެހޭ ދުސްތޫރީ ބޮޑެތި މައްސަލަތައްހުރި ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވުމުން އެވާހަކަތަކަށް އެޓާނީ ޖެނެރަލް، އަހުމަދު އުޝާމް ރައްދު ދެއްވައިފިއެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ސުއޫދު ވިދާޅުވީ، ގާނޫނުއަސާސީގައި ބަދަލުކުރަން ޖެހޭ ދުސްތޫރީ ވަރަށް ބޮޑެތި މައްސަލަތައް އެބަހުރި ކަމަށެވެ. ނަމަވެސް އެ ކަންކަން ބަދަލުނުކޮށް ދެ އިންތިހާބު އެއްކޮށްލަން އެކަނި އުޅޭތީ މި ކަމުގައި ސަރުކާރުގެ ހެޔޮ ނިޔަތް އޮތް ކަމާ މެދު އޭނާ ވަނީ ސުވާލު އުފައްދާފައެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން އުޝާމް މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ގާނޫނުއަސާސީއަށް 3 އިސްލާހެއް ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.