ސައީދާ މިސް: ފޭދޫގެ ތިން ޖީލަށް ކިޔަވައިދީ، ކުދިންގެ ލޯބި ހޯދާފައިވާ ނަމޫނާ މުދައްރިސެއް
ދަޕްރެސް
22 މާރިޗު 2026 | އާދިއްތަ | 9:00
ތައުލީމީ ދާއިރާއަކީ ކުދިންނަށް އަކުރު އުނގަންނައި ދިނުމުގެ އިތުރުން އެ ކުދިން ތަރުބިއްޔަތުކޮށް މުޖުތަމައުއަށް ބޭނުންތެރި ބަޔަކަށް ހެދުމަށް އެޅިގެން ދާ މުހިއްމު ބިންގަލެއްގެ ފަށުމެވެ. އެކަމުގެ ބުރަ އަދި ބޮޑު ޒިންމާ ބޮލުގައި އަޅައިގެން ތިބޭ ކުދިންގެ ދެވަނަ ބެލެނެވެރިންނަކީ މުދައްރިސުންކަމުގައިވާއިރު، މި ބުރަ މަސްއޫލިއްޔަތާ ހަވާލުވަނީ އެކަމަށް އެކަމަށް އުފެދިފައިވާ ޝައުގާ ލޯތްބެއްގެ ބޮޑުކަމުން ކަން ޔަގީނެވެ. މިއީވެސް އެފަދަ ހިތްވަރުގަދަ ފަހުލަވާނެއްގެ ވާހަކައެވެ.
އައްޑޫ ފޭދޫ ދީދައިތާގެ މަރިޔަންދިޔެގެ މަރްހޫމް މުހައްމަދު ސައީދު (އުފާ، ސ.ފޭދޫ) އާއި ކ.މާލޭ އުނގުލު މުނީރުގެ (މ. ސަންގުފަރީދުގެ) މަރުހޫމާ ސަކީނާ މުނީރުގެ ދޮށީ ދަރިފުޅު ފާތިމަތު ސައީދާ އޭ ބުނުމުން ގިނަ މީހުންނަށް ނޭގިދާނެއެވެ. އެހެންނަމަވެސް ފޭދޫ، އުފާ، ސައީދާ މިސް އޭ ބުނެފި ނަމަ ނޭގޭ މީހަކު އައްޑޫގައި ވަރަށް މަދުވާނެއެވެ. ސައީދާ މިސްގެ ހަޔާތުގެ ބޮޑު ބައި ހޭދަވީ ތައުލީމީ ދާއިރާގައެވެ. ހިސާބު މާއްދާއަށް މޮޅު ޓީޗަރެއްގެ ގޮތުގައި ފާހަގަކުރެވުނު ސައީދާ މިސްއަކީ ދީނީ ތައުލީމަށް ވަރަށް ބޮޑު އިސްކަމެއް ދެމުން އަންނަ ފަރާތެކެވެ.
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ އެކި ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ސައީދާ މިސް ވަނީ އަމިއްލަ އަތުން ޤުރުއާން ލިޔެފައެވެ. 2024 ވަނަ އަހަރު ޖަނަވަރީ މަހު ފެށި މި މަސައްކަތް ހަމަ އެ އަހަރު ނޮވެމަބަރު ނިންމާލީ އެކަމަށް އުފެދުނު ޝައުގާ ޤުރުއާނަށް ހިތުގައި އުފެދިފައިވާ ލޯތްބެއްގެ ސަބަބުންނެވެ. ގޭގައި ނަމާދު ވޯކްޝޮޕްތައް ހިންގުމާ، ދީނީ އެކި އެކި މަސައްކަތްތައް ކުރުމުގެ އިތުރުން އައްޑޫގައި ބާއްވާ ވޯކްޝޮޕްތައް އަދި ޓްރައިނިންތަކުގައި އަންހެން ކުދިންނަށް ކިޔަވައިދުނުމަކީ ސައީދާ މިސްއަށް ލިބޭ އުފަލެކެވެ.