ވަޒީފާއާބެހޭ ގާނޫނަށް ގެނެވުނު އިސްލާހަށް ފަސްޓް ލޭޑީ މަރުހަބާ ވިދާޅުވެއްޖެ
ދަޕްރެސް
16 މާރިޗު 2026 | ހޯމަ | 10:41
ވަޒީފާއާބެހޭ ގާނޫނަށް ގެނެވުނު އާ އިސްލާހާއެކު، ވަޒީފާ އަދާކުރާ މައިންނަށް ލިބިގެންދިޔަ ލުއިތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ނުހަނު ހޫނު މަރުހަބާއެއް ވިދާޅުވެއްޖެއެވެ.
މި އިސްލާހުގެ ދަށުން މުވައްޒަފުންގެ ދަރިފުޅަށް ދެ އަހަރު ފުރެންދެން، ކުޑަކުދިން ބެލެހެއްޓުމަށްޓަކައި ވަޒީފާގެ ގަޑިން ހުސްވަގުތު ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ނިންމުމާ ގުޅޭގޮތުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ވިދާޅުވީ، މިއީ ވަޒީފާ އަދާކުރާ މައިންނަށް އެކަނބަލުންގެ މަސައްކަތާއި އާއިލީ ޒިންމާތައް އެއްހަމައެއްގައި ކުރިއަށް ގެންދިއުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. މި ބަދަލުގެ ސަބަބުން ވަޒީފާގެ މާހައުލުގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ބޮޑު ހައްލެއް ލިބިގެންދާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.