މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް އިންޑިއާއާއި ރާއްޖެއާ ދެމެދު މަޝްވަރާތައް ފަށަނީ
ދަޕްރެސް
17 މާރިޗު 2026 | އަންގާރަ | 11:23
އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) ގާއިމުކުރުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް ރަސްމީކޮށް ފެށުމަށް ބޭނުންވާ "ޓާމްސް އޮފް ރިފަރެންސް" (ޓީއޯއާރު) ގައި ދެ ގައުމުން އެއްބަސްވެއްޖެ އެވެ.
އިންޑިއާގެ ކޮމާސް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެއާއެކު އެއްބަސްވުމަކަށް އައިސްފައިވަނީ ދެ ގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ މަޝްވަރާތައް ކުރިއަށްގެންދާނެ އޮނިގަނޑާއި އުސޫލުތައް ކަނޑައެޅި، ރަސްމީ ވާހަކަތަކަށް މަގުފަހި ކުރުމުގެ ބޭނުމުގައެވެ.
އަދި މިއީ ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކޮށް، ވިޔަފާރީގެ ދާއިރާއިން ހުރި ހުރަސްތައް ނައްތާލުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ގައުމުން ވަނީ ސިފަކޮށްފައެވެ. މިފަދަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުން، މުދަލުން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުން ނުވަތަ އުނިކުރުން ހިމެނޭއިރު ދެ ގައުމުގެ ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓްމަންޓްތައް ކުރިއެރުވުމަށް ފިޔަވަޅުތައް އެޅިގެންދާނެއެވެ.